ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް-19 ޕެންޑެމިކް މެނޭޖުކުރުމުގައި އެންމެ ގޯސްކޮށް ކަންކަން ކުރި ލީޑަރަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެއްޖެއެވެ.

މި ލިސްޓުގެ އެއްވަނަ މޯދީއަށް ލިބުނީ ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށްވާ ދަ ކޮންވަޒޭޝަން އިން ކުރި ދިރާސާއަކުންނެވެ. އެ ދިރާސާގައި ޕެންޑެމިކް މެނޭޖުކުރުމަށްދުނިޔޭގެ ލީޑަރުން އަޅާފައިވާ ފިޔަވަޅުތަކާއި ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތްތަކަށް ވަނީ ބަލައިފައެވެ.

Ad
rt

މޯދީ އެންމެ ގޯސް ލީޑަރަކަށް ހޮވުނީ އޭނާ އިންޑިއާގެ ކޯވިޑް ހާލަތު ކޮންޓްރޯލް ކުރުމުގައި ނުކުޅެދިފައިވާތީއެވެ. އެގޮތުން، ޕެންޑެމިކްއަށް ތައްޔާރުވާން ޖެހޭވަރަށް މޯދީގެސަރުކާރަށް ތައްޔާރު ނުވެވޭ ކަމަށާއި އަމިއްލައަށް ވެކްސިން އުފެއްދިއިރު ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގައި ވެސް ނުކުޅެދިފައިވާ ކަމަށް ވަނީފާހަގަކޮށްފައެވެ.

ކޯވިޑުގައި މިވަގުތު އެންމެ ހާލަތު ގޯސްވެފައިވަނީ އިންޑިއާގައެވެ. އެ ގައުމުގައި ދުވާލަކު ހަތަރު ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު އޮކްސިޖަން ނުލިބޭތީ އެތައްބަޔަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ ރައްޔިތުން ބުނާގޮތުގައި އެ ގައުމުގައި މިދިޔަ އަހަރު ކޯވިޑް ހާލަތު ރަނގަޅުވުމުން މޯދީ މަސައްކަތް ކުރީ އަމިއްލަ ފައިދާއަށެވެ. އެގޮތުން، ދެވަނަ ރާޅަކަށްތައްޔާރުވުމުގެ ބަދަލުގައި އޭނާ ތަައްޔާރުވީ އިންތިހާބުތައް ބާއްވައި ދީނީ އެއްވުންތައް ބާއްވަން ކަމަށް ބުނެއެވެ.

ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އިންޑިއާގެ ހާލަތު ގޯސްވީ ދީނީ އެއްވުންތަކާއި އިންތިހާބުތައް ބޭއްވުމުންނެވެ.

މޯދީގެ އިތުރުން މި ލިސްޓުގައި އިތުރު ހަތަރު ލީޑަރެއް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ބްރަޒިލްގެ ރައީސް އާއި ބެލާރުސްގެ ލީޑަރާއި އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްއާއި މެކްސިކޯގެ ލީޑަރު ހިމެނެއެވެ.