ކޯވިޑް-19ގެ ހާލަތު ތ. ގުރައިދޫގައި އިތުރަށް ގޯސްވެދާނެތީ އެރަށުގެ ބައެއް މީހުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގުރައިދޫން ފުރަތަމަ މީހެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މާލެ ދަތުރުކުރާ ބޯޓެއްގަ އުޅޭ ބަންގްލަދޭޝް މީހެކެވެ. ލ. އަތޮޅަށް ދަތުރުކުރުމަށްފަހު އެރަށަށްދިޔަ އެއް ގެއެއެއްގެ 5 މީހަކު ވެސް އެމީހާއާއި އެއްދުވަހު ޕޮޒިޓިވްވިއެވެ. އެމީހުން ޕޮޒިޓިވްވީ ރޯދަމަހުގެ ފަހު ހަފުތާގައެވެ.
ގުރައިދޫ ސިއްހީ މަރުކަޒުން އާންމު ކުރިމައުލޫމާތަށް ބަލާއިރު އެރަށުން މިހާތަނަށް ނެގުނު 69 ސާމްޕަލްގެ ތެރެއިން 30 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެރަށު ބައެއްމީހުންގެ ކަންބޮޑުވުން "ތިލަދުން"އާއި ހިއްސާކުރި ސަބަބަކީ މިއެވެ.
"ޓެސްޓްކުރަން ނެގި ސާމްޕަލުތަކުން ދެބައިކުޅަ އެއްބައާއި ގާތްކުރާ އަދަދަކަށް މި ޕޮޒިޓިވްވީ، މިރަށުގައި މިބަލި ފެތުރިފަ އޮވެދާނެ މިންވަރާމެދު މިހެންވީމާ ވަރަށް ބިރުވެރިކަން ބޮޑު"
ގުރައިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެރަށުގެ މާބަނޑު މީހަކާއި، ދޮށީ އުމުރުގެ މީހަކާއި އަދި ނޭވާއަށް އުނދަގޫވާ ޒުވާނެއް މިހާރު ވެސް ވަނީ އިތުރު ފަރުވާއަށް ލާމު ކޯވިޑް ފެސިލިޓީއަށް ފޮނުވާފަ އެވެ.
"މިވަގުތު ވެސް ރަށުތެރެއިން އަލާމާތް ފެންނަ މީހުން ވަރަށްގިނަ، މިވަގުތުވެސް ސިއްހީ މަރުކަޒުން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަށްވަމުން، މިރަށުން ޕޮޒިޓިވްވި މީހުން ތެރޭގައި ނަރުހުންނާއި، ޓީޗަރުންނާއި، ސްކޫލް ދަރިވަރުންނާއި އަދި ފެނަކަ މުވައްޒަފުން ހިމެނޭ، އެހެންވީމާ މި ކްލާސްޓާ ވަރަށް ބޮޑު ވެދާނެ"
ވަރަށް ކަންބޮޑުވެ ހުރެ އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެމީހުން ފާޅުކުރި އަނެއް ކަންބޮޑުވުމަކ، ޕޮޒިޓިވް ކޭސްތައް ގިނަވެ، ރަށުގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރާފާނެ ކަމުގެ ކަންބޮޑު ވުމެވެ.
"މިރަށު ފެނަކަ އޮފީހުގައި ވެސް 29 މުވައްޒަފުން ތިބޭ ތަނުން 11 މީހަކަށް މިހާރު މަސައްކަތަށް ނުކުމެވެނީ، ސިއްހީ މަރުކަޒުން ވެސް ބައެއް މުވައްޒަފުން ޕޮޒިޓިވްވުމުން އެތަނުގެ ޚިދުމަތްތަކަށް ވެސް ބުރޫއަރާފާނެ، އެތަން ތަނުގެ ބައެއް މުވައްޒަފުން ޕޮޒިޓިވްވެ އެ ޕޮޒިޓިވްވި މުވައްޒަފުންނާ ޑައިރެކްޓް ކޮންޓެކްޓުވި މުވައްޒަފުން ވެސް ކަރަންޓީނުގައި، އެހެންވީމަ މުވައްޒަފުންނަށް ވަޒީފާއަށް ނުދެވި މިފަދަ އަސާސީ ހިދުމަތްދޭ ތަންތަން ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރުވެސް އެބައޮތް"
ގުރައިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގުރައިދޫން ވާހަކަ ދެއްކި މީހުންގެ އިތުރު ކަންބޮޑުވުމަކީ ކޯވިޑްގެ ނުރަށްކާ މުޅި އަތޮޅުގައި މޫލާފައި އޮތްއިރު އެ އަތޮޅުން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް އަދި ހަމަޖެހިފަނެތުމެވެ.
"މިއަތޮޅު އަތޮޅު ހޮސްޕިޓަލުގައި ވެސް ނެތް ކޯވިޑް ޓެސްޓް ކުރެވޭކަށް، ސާމްޕަލްތައް ފޮނުވަންޖެހެނީ ސީ އެމްބިއުލާންސްގައި މާލެ، މޫސުން ހުންނަ ގޮތުން އެކަމަށް ވެސް ދަތި ކުރިމަތިވޭ، ސާމްޕަލް ތަކުގެ ނަތީޖާ ލަސްވުމަކީ ވެސް ލިބޭ އިތުރު ހާސްކަމެއް"
އެރަށުން ވާހަދެއްކި މީހަކު ބުންޏެވެ.
އެމީހުން ބުނިގޮތުގައި ވީއެންމެ އަވަސް ފުރުސަތެއްގައި އެ އަތޮޅުން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ވުމީ އެއަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!