ހއ. ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރުން ފަސްކުރަން ހައި ކޯޓުން އަންގައިފި އެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަނެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދު ބަލިވީ އެއް ވޯޓުގެ ތަފާތުންނެވެ.

Ad
rt

އެ މައްސަލަ އިރުޝާދުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާތީ ހައި ކޯޓުން މިއަދު އެންގީ އެ މައްސަލަ ނިމުމުގެ ކުރިން ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ހުވާކޮށްފި ނަމަ، އިރުޝާދުގެ ހައްގުތަކަށް އުނިކަން އަތުވެދާނެ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ނިމެންދެން އެރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރުން ފަސްކުރަން އެންގީ ކަމަށް އެ އަމުރުގައިވެ އެވެ.

ހައި ކޯޓުން އެގޮތަށް އެންގީ އަލަށް ހޮވުނު ކައުންސިލަރުން މާދަމާ ހުވާކުރަން ހަމަޖައްސާފައި ވަނިކޮށެވެ. މީގެކުރިން އެ ކޯޓުން ވަނީ ގއ. ކޮނޑޭ ކައުންސިލްގެ ރައީސް ހުވާކުރަން ފަސްކުރަން ވެސް އަމުރުކޮށްފަ އެވެ.