ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަށް އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްބަޔާނެއް ނެރެފިއެވެ.
މި ޢަމަލު ކުށްވެރިކޮށް އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ވަނީ އިޒްރޭލުން ރަމަޟާން މަހުގެ އެންމެ މުހިންމު ދުވަސްތައް ކަމުގައިވާ ފަހު ދިހައެއްގެ ދުވަސްތަކުގައި މުސްލިމުންގެ ފުރަތަމަ ޤިބުލަކަމުގައިވާ އަލްމަސްޖިދުލް އަޤްޞާއާއި އަދި އެ މިސްކިތް ހިމެނޭ ބަރަކާތްލެއްވިގެންވާ ބިންތަކުގެ ހުރުމަތް ކަނޑައި މުސްލިމުން ގަދަބާރުން އެތަންތަނުން ބޭރުކޮށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ މުޅި އިންސާނިއްޔަތަށް ވެސް އޮތް ލަދުވެތި ކަމެއް ކަމަށެވެ.
މި މައްސަލައަކީ މެދުއިރުމަތީގެ މަސްލަހަތުގެ އިތުރުން މުޅި ދުނިޔޭގެ ސުލްހަވެރިކަމާއި ވެސް ގުޅިފައިވާ މައްސަލައެކެވެ.
ނަމަވެސް އިޒްރޭލުން ޒަމާންތަކެއް ވަންދެން ހިޞާރުކޮށްފައި އޮތް މުސްލިމު އާބާދީއެއްގެ ބަޔަކު ގެދޮރުން ނެރެލައި، ހަނގުރާމައިގެ ޤާނޫނުތަކަށް ވެސް ނުފެތޭގޮތަށް ހައްދުފަހަނަ އަޅާފައިވާ ހަރުކަށި އަނިޔާވެރި ލާއިންސާނީ އަމަލުތައް ހިނގައި، އަލްމަސްޖިދުލް އަޤްޞާގައި އަލިފާން ރޯކޮށްލުމަކީ މުޅި އިސްލާމީ އުންމަތަށް މަލާމާތްކުރުން ކަމުގައި އެ ބަޔާނުގައިވެއެވެ.
އިޒްރޭލުގެ މި ލާއިންސާނީ ޢަމަލުތައް ހުއްޓުވަމީ ބައިނަލްއަޤުވާމީ ގޮތުން ވެސް ކުރަނެޖެހޭ ކަމެއްގޮތުގައި ފާހަގަކޮށް އެ ޕާޓީންވަނީ މި މައްސަލަ ބައިނަލްއަޤުވާމީ ގޮތުންވެސް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.
އަދި ދިވެހިން ފަލަސްތީނާއިއެކު ތިބިކަން ފާހަގަކޮށް، އެންމެހާ ދިވެހިންވެސް ފަލަސްތީނު އެ އޮތްހާލަތުން ސަލާމަތްވުން އެދި ދުޢާކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!