ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލޭ)ގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ، މާލެ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން މަނާކުރި ނަމަވެސް އެތަންތަނުން މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ޚިދުމަތާއި، ޓޭކް އަވޭގެ ޚިދުމަތް ދެވޭނެ އެވެ.
މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މި ނިންމުން ތަންފީޒު ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
މީގެއިތުރުން އިތުރު ފިޔަވަޅުތައް ވެސް އެޗްޕީއޭއިން ވަނީ އަޅާފަ އެވެ. މިގޮތުން މާދަމާއިން ފެށިގެން 1 ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކޮށް، މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަނީ މަނާކޮށްފަ އެވެ.
ގަައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރުން ނިންމާފައިވާއިރު، މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީގެ ޚިދުމަތް ދެނީ ޕޮލިސް ޕަރމިޓާއެކު އެވެ.
13 މެއި އިން 18 މެއިގެ ނިޔަލަށް ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ވަނީ އަންގާފަ އެވެ.
މީގެއިތުރުން އެޗްޕީއޭއިން ކުރިން ވަނީ މާލެ ސަރަހައްދުގައި ސްކޫލް، ކޮލެޖް، ޔުނިވާސިޓީތަކާއި، ޕާކު، މައިޒާން، ޖިމް އަދި ސެލޫން، ޑޭ ކެއާ ސެންޓަރުތައް، ޓިއުޝަން ކްލާސްތައް އަދި ޤުރުއާން ކްލާސް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އަދި ޔުނިވާސިޓީތަކާއި، ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ވަނީ އަންގާފަ އެވެ.
އެޗްޕީއޭއިން ފިޔަވަޅުތައް ވަރުގަދަ ކުރިއިރު މިވަގުތު ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުން އަންނަ 10،376 މީހުން އެބަތިއްބެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 244 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 4 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!