ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލޭ)ގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މި ނިންމުން ތަންފީޒު ކުރުމަށް އަންގާފަ އެވެ.
މީގެއިތުރުން މާދަމާއިން ފެށިގެން 1 ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.
މީގެއިތުރުން އެޗްޕީއޭއިން ކުރިން ވަނީ މާލެ ސަރަހައްދުގައި ސްކޫލް، ކޮލެޖް، ޔުނިވާސިޓީތަކާއި، ޕާކު، މައިޒާން، ޖިމް އަދި ސެލޫން، ޑޭ ކެއާ ސެންޓަރުތައް، ޓިއުޝަން ކްލާސްތައް އަދި ޤުރުއާން ކްލާސް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އަދި ޔުނިވާސިޓީތަކާއި، ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ވަނީ އަންގާފަ އެވެ.
އެޗްޕީއޭއިން ފިޔަވަޅުތައް ވަރުގަދަ ކުރިއިރު، މިވަގުތު ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން އަންނަ 10،376 މީހުން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!