ފެމިލީ ކޯޓުން، މާލޭ ސިޓީގައި ކައިވެނިކޮށްދޭ ދުވަސްތަކަށާއި ގަޑިތަކަށް ބަދަލު ގެނެސް އެކަން އާންމުކޮށްފިއެވެ.
ފެމިލީ ކޯޓުން ކުރި ޢިއުލާނެއްގައި ބުނިގޮތުގައި އެގޮތަށް ނިންމީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން އަންގާފައިވާ އެންގުމާއި ގުޅިގެން ކަަމަށެވެ.
މިގޮތުން މިއަދުން ފެށިގެން ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ރަސްމީ ގަޑީގަ އެވެ.
ރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނިތައް ކޮށްދިނުމުގެ އިތުރުން ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް ފެމިލީ ކޯޓުން ވަނީ ބުނެފަ އެވެ.
ފެމިލީ ކޯޓުން މި ނިންމުން ނިންމިއިރު، ރާއްޖެ ކޯވިޑްގެ ހަތަރު ވަނަ ރާޅެއްގެ ދަށުވެފަވާއިރު، އިއްޔެ ވެސް ވަނީ ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވެފަ އެވެ.
އިއްޔެ 1091 މީހަކު މި ބަށްޔަށް ޕޮޒިޓިވްވެފަ ވެއެވެ. އެއީ މާލޭ ސަރަހައްދުން ބަލި ޖެހުނު 933 މީހުންނާއި، އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި 147 މީހުންނެވެ. ރިސޯޓްތަކުން 6 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖޭގައި މިހާތަނަށް 35،815 މީހަކަށް ވަނީ މި ބަލި ޖެހިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!