ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ދިންހަމަލާގައި، ބޮންގޮށްވާލި ވ. ތިނަދޫ، ހިޔާ، އުމުރުން 25 އަހަރުގެ އަދުހަމް އަހްމަދު ރަޝީދު އެހަމާލާދިނުމަށް ތައްޔާރުވެހުރެ ހަމަލާދިން ވީޑިއޯ މިއަދު ފުލުހުން އާންމުކޮށްފިއެވެ.
އެހަމަލާއިގުޅޭ އިތުރު ތަފްސީލް ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި އަދުހަމް ހުރީ ބޮމުގެ ރިމޯޓް އަތަށް ލައިގެން ނެވެ.
އަދުހަމް އަަތަމާ ޕެލަސް ގޯޅިތެރޭގަ ހުއްޓާ އެ ވީޑިއޯއިން ފެނެއެވެ. އޭނާ ލައިގެން ހުރީ ހުދު ކުލައިގެ އަތް ދިގު ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. ވީޑިއޯ ފެށޭއިރު އޭނާ ހުންނަނީ ފޯނެއްގައެވެ. ފޯނުގައި ހުރެ، އެއް ފައި ފާރުގައި ވިއްދާލައި ފާރުގައި ލެނގިލައެވެ. އޭނާ ހުންނަނީ މަގުމައްޗަށް ބަލަހައްޓައިގެންނެވެ.
އެހެން ހުރުމަށްފަހު ފައި ފާރުން ނައްޓައިލައެވެ. އަނެއްކާ ވެސް ފާރުގައި ހަމަކުރީގެ ގޮތަށް ފައިވިއްދާލަ އެވެ. އޭރު ވެސް އޭނާ ހުންނަނީ ފޯނެއްގަ އެވެ. ކުރިއަށްޖެހިލައި މަގުމަތި ބަލައިލައެވެ. އަނެއްކާ ފާރުގައި ލެނގިލައެވެ. ބެލެވޭ ގޮތުގައި އޭނާ ހުންނަނީ ރައީސް ނަޝީދަށް ފާރަލައިގެންނެވެ. އެމަނިކުފާނު ގޭކޮޅުން ނުކުންނަވާނެ ވަގުތަކަށް ބަލައިގެން ނެވެ.
އަދުހަމް އެހެން ހުއްޓާ އިތުރު ތިން މީހަކު އަތަމާ ޕެލަސް ގޯޅިން ނުކުމެއެވެ. އެމީހުންގެ ކުރިއަށް އަދުހަމް ޖެހިލައި ބޭރަށް ހިނގަން ފަށައެވެ. ބޭރަށް ނުކުންނަށް ދިޔަ ތިން މީހުން އެތެރެއަށް ދުއްވައިގަންނަތަން ވީޑިއޯއިން ފެނެއެވެ. ނަމަވެސް އަދުހަމް އަނބުރާ ގޯޅި ތެރެއަށް ވަންނަ ތަނެއް ނުފެނެއެވެ. އެއީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮންގޮއްވާލި ވަގުތެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ރިޔާޒް ވިދާޅުވީ، އަދުހަމްގެ ފައި ފާރުގައި ޖައްސާތަނުން އޭނާގެ ފުޓްޕްރިންޓް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުން ނަގާފާވާނެ ކަމަށެވެ.
އަދުހަމް އެ ގޯޅީގައި ހުރީ ބޮމުގެ ރިމޯޓް އަތަށް ލައިގެން ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ބޮން ގޮއްވާލުމަށް ފަހު، އަދުހަމް ބޭރަށް ނުކުމެ ދުއްވައިގަތީ އެވެ. އޭނާ ދުވެފައި ވަކި ހިސާބަކަށް އަދި ފަހުން ފޯނެއްގައި ހިނގާފައި އެކި މަގުތަކުން ގޮސް ވަންނަނީ ޗާންދަނީ މަގު ދެކުނުގައި ހުންނަ މަސްޖިދުއްޖަލާލުއްދީނަށެވެ. މިސްކިތުގައި އިރުކޮޅެއް ކޮށްފައި ނުކުމެގެން އަމީނީ މަގުން އިރަށް ހިނާގާފައި ގޮސް ދެން ވަންނަނީ އަމީނީ ބިލްޑިންގު ކުރިމަތީ އޮންނަ ޕާކަށެވެ. އޭރު އެތަނުގައި އަދުހަމް އަންނަންދެން މުޖާޒް މަޑުކޮށްލައިގެން އިނދެއެވެ.
އޭގެ ފަހުން އެ ދެ މީހުން އެކުގައި ގޮސް ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުގައި ވެސް މަޑުކޮށްގެން ތިއްބެވެ. ހަމަލާއަށް ފަހު ދެ މީހުން ދަތުރުކުރި މަގުތަކާއި މަޑުކުރި ތަންތަން ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ، "މީގެ މޯޓިވް އަކީ ކޮބައިކަން ވަރަށް އަވަހަށް ދެނެގަނެވޭނެ" ކަމަށެވެ. ނަމަވެސް ހައްޔަރުކުރި އެއްވެސް މީހަކު ޓެރަރިސްޓް ގުރޫޕަކާ ގުޅުން އޮތް ކަމެެއް ނުވަތަ ނިސްބަތްވާ ކަމެއް ވެސް މިހާތަނަށް އެނގިފަ ނުވާކަމަށް ސީޕީ ވިދާޅުވިއެވެ.
މިއަދު ހައްޔަރުކުރި އަދުހަމް ވަނީ އޭނާގެ ބޯ ކޮށައި، ތުނބުޅި ވެސް ބާލައި ސިފަ ބަދަލުކުރަން މަސައްކަތްކޮށްފައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ، ތަހުގީގުގެ ސްކޯޕް އޮތީ އެކަމުގައި ހިމެނޭ ހުރިހާ އެންމެން ވެސް ހައްޔަރުކޮށްގެން ޝަރީއަތަށް ފޮނުވުން ކަމަށެވެ. އަދި ހައްޔަރު ކުރެވުނު ތިން މީހުންނަށް ވުރެ ފުޅާކޮށް، އެކަމުގައި ބައިވެރިވި އެންމެން ހޯދުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް ވިދާޅުވިއެވެ. އެކަމުގައި ހިމެނޭނީ އެންމެ ތިން ހަތަރު މީހުންނެއް ނޫން ކަމަށާއި، އެއަށް ވުރެ ފުޅާ ތަހުގީގެއް ހިންގަވާނެ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!