ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި، އެ މަނިކުފާނުގެ ގަޔަށް ވަތް ދަގަނޑު އެތިކޮޅު ހުރީ ރައީސް ނަޝީދުގެ ހަތަރުވަނަ ރިބްގައި ޖެހި ފުނޑުފުނޑުވެފައިކަމަށާއި، އެއަށްވުރެ ތިރިއަށް އެ އެތޮކުޅުތައް ވަތްނަމަ ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވީސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.
އެމަނިކުފަނުގެ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޭޑީކޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު ޝާފިއު ވިދާޅުވީ، ދަގަނޑު އެތިކޮޅު ހުރީ ނަޝީދުގެ ހަތަރުވަނަ ރިބްގައި ޖެހި، ފުނޑުފުނޑުވެފައި ކަމަށެވެ. އެއަށްވުރެ ތިރިއަށް އެރިނަމަ ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވީސް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު ނިޝާން ވިދާޅުވީ، ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދެވުނުއިރު، އެ ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ހަށިކޮޅުން ވަރަށް ބޮޑަށް ލޭފައިބަމުން ދިޔަކަމަށެވެ. އަދި އެންމެ ފުރަތަމަ ވެސް ބެއްލެވީ އެންމެ ގިނައިން ލޭ ފައިބަމުން ދިޔަ ތަންތަން ބަލައި، އެތަންތަން ސަލާމަތްކުރުމުގެ މަސައްކަތްކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ނަޝީދުގެ ހަށިކޮޅުތެރެއަށް ދަގަނޑުގެ އެތިކޮޅުކޮޅާއި ޕްލާސްޓިކް އެތިކޮޅުކޮޅު ވަދެފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ގޮހޮރަށް ވެސް އަނިޔާވެފައިވާ ކަމަށާއި، ބަނޑަށް ވެސް ލޭ އެޅިފައި ހުރިކަމަށް ވެސް ޑރ. ނިޝާން ވިދާޅުވިއެވެ.
"ފަލަގޮހޮރުގައި ހުރި ލޯވަޅު އަޅާފައި. ބަނޑު ވެސް ހުރީ ފޫއަޅާފައި. ލިވާ ތެރެއަށް ވެސް ވަނީ އެއްޗެއް ވަދެފައި. ލިވާގައި އިން ރޭޒާފުއް ވެސް ވާނީ ނަގާފައި." ޑރ. ނިޝާން ވިދާޅުވިއެވެ.
ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ރައީސް ނަޝީދުގެ ހަށިގަނޑަށް ވަރަށް ގިނަ އަދަދަކަށް ރޭޒާ ފުށްތައް ވަދެފައިވާ ކަމަށެވެ. އަދި ބައެއް ގުނަވަންތައް ފޫ އަޅުވާފައި އެ ފުށްތައް ނުކުމެފައިވާ ކަމަށެވެ.
މިހާރު ރައީސް ނަޝީދު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި، އެމަނިކުފާނަށް އަމިއްލަފުޅަށް ނޭވާލެއްވުމަށް އުނދަގުލެއް ނޫން ކަމަށް ޑަކްޓަރު ވިދާޅުވިއެވެ. އަދި ލޭގެ ޕްރެޝަރަށް ދެމުން ދިޔަ ބޭސް މިހާރު ހުއްޓާލަފައިވާ ކަމަށާއި، ނަމަވެސް އަދިވެސް އިންފެކްޝަނެއް އޮވެދާނެތީ ވަރަށް ގާތުން ބަލަންޖެހޭ ކަމަށް ވެސް އެ ޓީމުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!