ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ.
އެކަން ހާމަކޮށްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގަ އެވެ.
މިގޮތުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން ދެ ފިޔަވަޅެއް އެޅުމަށް އެޗްޕީއޭއިން މިއަދު ވަނީ ނިންމާފަ އެވެ.
އެ ދެ ފިޔަވަޅަކީ، ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން
ހުއްޓައިލުމާއި އަދި ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓައިލުމެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ފާލުން ނެއްޓިފަ ވާއިރު، އެޗްޕީއޭއިން ވަނީ މި ނޫން ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން މާލެ ފިޔަވައި އަތޮޅުތަކުގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީކަމެއްގައި މެނުވީ ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޯވިޑް ހާލަތު ގޯސްވުމުން އަތޮޅު ތެރޭގެ 5 ރަށެއްގައާއި ދެ ސިޓީއެއްގައި ކާފިއު ހިންގުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމާފަ އެވެ. އެރަށްތަކަކީ ޅ. ނައިފަރާއި، ކ. މާފުށްޓާއި، އއ. މަތިވެރިއާއި، އއ. އުކުޅަހާއި، އަދި ބ. އޭދަފުއްޓެވެ. ދެ ސިޓީއަކީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އެވެ.
މީގެއިތުރުން މާލެ ސަރަހައްދުގައި ވެސް ވަނީ ރޭގަނޑު 12 އިން ފަތިހު 4 އަށް ކާފިޔުހިންގާފަ އެވެ. ކެފޭ، ހޮޓާ، ރެސްޓޯރެންޓް އަދި ފިހާރަތައް ވެސް ރޭގަނޑު 9 ޖަހާއިރު ބަންދު ކުރަން ވަނީ އަންގާފަ އެވެ. ސްކޫލް، ކޮލެޖް، ޔުނިވާސިޓީތަކާއި، ޕާކު، މައިޒާން، ޖިމް އަދި ސެލޫން، ޑޭ ކެއާ ސެންޓަރުތައް، ޓިއުޝަން ކްލާސްތައް އަދި ޤުރުއާން ކްލާސް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އަދި ޔުނިވާސިޓީތަކާއި، ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ވަނީ އަންގާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!