މި ހިނގާ މެއި މަހުގެ 6 ވަނަ ދުވަހު، ގ. ކެނެރީގެ ކައިރީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ފުލުހުން އެދިއްޖެއެވެ.

މިއަދު ފުހުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ނިރުބަވެރި ހަމަލާ ދިނުމުގައި ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު، ފޮޓޯ، ވީޑިއޯ އަދި ރަސްމީ ލިޔެކިޔުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. އަދި، މައުލޫމާތުދޭ ފަރާތްތަކުގެ މައުލޫމާތު ފުލުހުންގެ ފަރާތުން އެހެން ފަރާތަކަށް ނޭނގޭނެކަމުގެ ފުރިހަމަ ޔަގީންކަން އެޓްވީޓްގައި ދީފައިވެއެވެ.

Ad
rt

އެ ހަމަލާދިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ ރޭ ސޯޝަލް މީޑިއާގައި އާންމުވެފަވާއިރު، އެ މައްސަލައިގެ ތަހުގީގަށް ހުރަސްފަދަ ވީޑިއޯ، ފޮޓޯ ފަދަ ތަކެތި ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރަށްވަ އެވެ.

މީގެއިތުރުން ފުލުހުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅޭ ހެއްކާއި މައުލޫމާތު ހިއްސާކުރުމަށް އޮންލައިން ޕޯޓަލްއެއް ވެސް ގާއިމު ކޮށްފައެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ގެންދަވަނީ ވަރުގަދަ އޮޕަރޭޝަނެއް ވެސް ހިންގަވަމުންނެވެ.