އިންޑިޔާގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ އެ ގައުމުގެ ހާލަތު އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް ޔުނިއަން ހެލްތް މިނިސްޓްރީ އޮފް އިންޑިއާއިން ހާމަކޮށްފިއެވެ.

ޔުނިއަން ހެލްތް މިނިސްޓްރީ އޮފް އިންޑިއާއިން ހާމަކުރެއްވި ގޮތުގައި، އިއްޔެ އެކަނި ވެސް އެ ގައުމުން 414،188 މީހުން އަލަށް ކޯވިޑަށް ޕޮޒިޓިވް ވިއެވެ. އަދި 4187 މީހުން މިބަލީގައި މަރުވެފައިވާކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

Ad
rt

އިންޑިއާގައި ކޯވިޑް-19 ފެތުރޭ ރޭޓަކީ 1.09 އިންސައްތައެވެ. 17 މިލިއަނަށް ވުރެ ގިނަ މީހުން އިންޑިއާގައި ވަނީ މިބަލިން ރަނގަޅުވެފަ އެވެ. އެގައުމުގައި 3723446 މީހުން މިބަށްޔަށް ފަރުވާ ހޯދަމުންދާއިރު، މީގެތެރެއިން 17 އިންސައްތަ މީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބި ހިނގައިދާނެކަމަށް ލަފާކުރެވެއެވެ.

އިނގިރޭސި ވިލާތާއި ބްރެޒިލަށްފަހު އެއްދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ކޯވިޑުގައި މީހުން މަރުވެފައިވަނީ އިންޑިއާގައެވެ. އިނގިރޭސިވިލާތުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ، 4490 އެވެ.

އިންޑިއާގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވުމާއެކު އިންޑިއާގެ ބައެއް ސަރަހައްދުތައް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.