ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް ރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 8:30 ގައެވެ. އެ ހޮސްޕިޓަލުން ބުނީ ހަށިކޮޅަށް ގިނަ ޒަހަމުތަކެއް ލިބިފައިވަނިކޮށް މިރޭ 8:30 ގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
ރައީސް ޞާލިޙް ވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ރޭ ދިން ޙަމަލާއާއި ގުޅިގެން މެންދަމު 2:30ގައި ޓީވީތައް މެދުވެރިކުރަށްވާ ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
މި ޙަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރުން މިކަން މިހާރު ތަޙުޤީޤުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މިއަންނަނީ ހޯދަމުން. މިގޮތުން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް މި ތަޙްޤީގުގައި ބައިވެރިވުމަށް، އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ޙަމަލާގެ ތަޙުޤީޤު ވީހާވެސް އަވަހަށް ނިންމައި، މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް، ޢަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަޙުޤީޤީ އިދާރާތަކަށް އަޅުގަނޑު މިހާރު އަންގައިފިން." ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު އިތުރު އޮޕަރޭޝަނަކަށް ތައްޔާރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަމަލާއާއި ގުޅިގެން ރޭ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރައީސް ޞާލިޙް ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާވެސް ރޭ ބައްދަލު ކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!