ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސިފައިންގެ އެލާޓް ލެވެލް މަތިކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައިވާ ކަމަށެވެ.

Ad
rt

އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފައިވާ އިރު، މިރޭގެ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ މެމްބަރުން މިރޭ ބައްދަލުކުރައްވަން ވަނީ ނިންމަވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށްވެސް ވަނީ ތާވަލުކޮށްފައެވެ.

ފުލުހުން ދެންމެ ބުނީ މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް ލެވެލް 3 އަށް މަތިކޮށްފައިވާ ކަމަށެވެ. އަދި ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިރޭގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ފަރުވާ ދެއްވަމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެމަނިކުުފާނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލިޓީ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށް ބުންޏެވެ.
މިރޭ 8:30 ހާއިރު އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ. އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ.

މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމާލާއެއްކަމަށް ބެލެވޭއިރު، ކުރީގެ ރައީސުން ހިމެނޭގޮތަށް ސިޔާސީ ފަރާތްތަކުން މިހަމަލާ ކުށްވެރިކުރަމުންނެވެ. އަދި ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ސަރުކާރުގެ އިސްވެރިން ވަނީ އޭޑީކޭއަށް ޒިޔާރަތްކޮށްފަައެވެ.

މިހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. މިގޮތުން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފައިވާއިރު، ފުލުހުންގެ އެލާޓް ލެވަލް ވަނީ ލެވަލް 3 އަށް މަތިކޮށްފައެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހަމިއްޔަތުކަންދީގެން ދިވެހި ފުލުހުން ތަހުޤީޤްކުރާނެކަން ކަށަވަރުކުރާނެކަމަށެވެ.