ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ރާއްޖޭގެ 16 ރަށެއްގައި ޓާފް ދަނޑު އަޅައިދޭން ނިންމައިފިއެވެ.
މިއަދު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމުން 16 ރަށެއްގައި ޓާފް ދަނޑުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މި ދަނޑުތަކަކީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން އަޅައިދޭން ނިންމި ނިންމުމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިގޮތުން ޓާފް ދަނޑުއަޅައިދޭން ނިންމާފައިވާ ރަށްތަކަކީ، ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާއެވެ.
މި ކޮންމެ ދަނޑަކީވެސް ވެގެން ދާނީ ފީފާ އެޕްރޫވްޑް މިންގަނޑަށް ތަރައްގީކުރެވޭ ޓާފް ދަނޑަކަށެވެ. އަދި މި ދަނޑުތައް ވަށައިގެން ފެންސް ޖެހިގެންދާއިރު، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރުމާއި، ދަނޑުގައި އިލެކްޓްރޯނިކް ސްކޯ ބޯޑެއް ހަރުކުރެވިގެންދާނެ އެވެ.
ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މިހާތަނަށް މި ސަރުކާރުން ވަނީ 10 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާފައެވެ.