ރައްޔިތުން އެކަނި "ފަރުދީ ޒިންމާ" އަދާކޮށްގެން ހައްލުވާ މިންވަރަށްވުރެ ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި ކޯވިޑްގެ ހާލަތު މިވަނީ ގޯސްވެފައި ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި، ކޯވިޑްގެ ހާލަތު މިވަނީ ރައްޔިތުންގެ "ފަރުދީ ޒިންމާ" އަދާކުރުމަކުން އެކަނި ޙައްލުވާ މިންވަރަށްވުރެ ގޯސްވެފައި ކަމަށެވެ.

އެންމެ ބޮޑަށް އިސްލާޙު ކުރަންވީ ސަރުކާރުގެ މިކަމާ ގުޅުންހުރި ޚާރިޖީ، ދާޚިލީ އަދި އިޤްތިޞާދީ ސިޔާސަތުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކަން މިހެން އޮތްނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަަޅާ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބާ، "ފަރުދީ ޒިންމާ" އަދާކުރުމުގައި މިސާލު ދައްކާ ބައެއްގެ ގޮތުގައި ވުމަށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން." ޑރ. މުޢިއްޒު ވިދާޅުވެފަ ވެއެވެ.

ޑރ. މުޢިއްޒު މިމޭރުމުން ވިދާޅުވެފަވާއިރު، އިއްޔެ އެކަނި ވެސް ވަނީ ރާއްޖެއިން 601 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ.

އިއްޔެ މާލެ އޭރިއާއިން 440 މީހަކު ޕޮޒިޓިވްވިއެވެ. ރަށްތަކުން 141 މީހެއް ޕޮޒިޓިވްވިއެވެ. އަދި ރިސޯޓްތަކުން 19 މީހެއް ޕޮޒިޓިވްވިއެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 31،931 އަށް ވަނީ އަރާފަ އެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.