ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު މިއަދު 601 މީހެއް ޕޮޒިޓިވްވެއްޖެ އެވެ.
މިއަދު މާލެ އޭރިއާއިން 440 މީހަކު ޕޮޒިޓިވްވިއެވެ. ރަށްތަކުން 141 މީހެއް ޕޮޒިޓިވްވިއެވެ. އަދި ރިސޯޓްތަކުން 19 މީހެއް ޕޮޒިޓިވްވިއެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 31،931 އަށް އެރީއެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތާއިގުޅޭ ހާސްކަން ބޮޑު އިތުރު ޚަބަރަކަށް ވެގެން ދިޔައީ، ކޯވިޑް-19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ފުރިފައިވާކަމުގެ ޚަބަރެވެ.
މިރޭ ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޑީއެޗް 11 ގައި މިވަގު ފުރިފަވާ ކަމަށެވެ. އަދި އެތަނުގައި ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރު، ޓެގް ޓީމުން މިރޭ ބުނި ގޮތުގައި ރާއްޖެ މިއޮތީ ކޮވިޑުގެ ހަތަރުވަނަ ރާޅެއްގެތެރޭ ގައެވެ.
"ކޯވިޑް ޖެހިފައިވާ ގިނަ މީހުންގެ ބަލި ހާލަތު މިދިޔަ އަހަރަށްވުރެ ގޯސްނުވަނީ ވެކްސިން ޖެހިފައިވާތީ ކަމަށް ބެލެވޭ"
ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
ހާލަތު ގޯސްވާ މީހުން ގިނަ ދުވަހު ވެންޓިލޭޓަރގައި ބޭއްވޭ ވަރަށްވުރެ، ކެޕޭސިޓީ ފުލްވެފައިވާ ކަމަށާއި، މި ބަލި ޖެހުނު މީހުންގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ހަ މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަަމަށް އޭނާ ވިދާޅުވިއެވެ.
އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކީ މާބަނޑު މީހެކެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!