ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުން ޒަހާ ވަހީދު މަގާމުން ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ބަދަލުކުރައްވައިފިކަމަށް ރޭ ޚަބަރު ފެތުރުނު ނަމަވެސް އަދި މިނިސްޓަރު ޒަހާ އެމަގާމުން ވަކިކުރަށްވާފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިނިސްޓަރު ޒަހާ މަގާމުން އަދި ވަކިކުރަށްވާފައި ނުވާއިރު މިއަދު އޮފީހަށް ވެސް ނުކުންނަވައި، ރަސްމީ މަސައްކަތުގައި އުޅުއްވިއެވެ.
ޒަހާ މަގާމުން ވަކިކުރެއްވި ކަމަށް އަޑު ފެތުރުނީ، ރޭގައެވެ. އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ކަމަށްބުނެ، ފެތުރުނު އެ ޚަބަރުގައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިނިސްޓަރު ޒަހާއަށް ގުޅުއްވައި މިނިސްޓަރުކަމުން ވަކިކުރެއްވި ކަމަށް ރޭ 12 ޖަހާކަށްހާއިރު އެންގެވި ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު "ތިލަދުން"އަށް ވިދާޅުވީ، މިނިސްޓަރު ޒަހާ އަދި މަގާމުން ވަކިކުރަށްވާފައި ނުވާކަމަށާއި، މިއަދު ވެސް ވަރަށް ބުރަކޮށް އޮފީހުގައި މަސައްކަތުގައި އުޅުއްވި ކަމަށެވެ.
"ރޭގައި ރައީސް އޮފީހުން އަލީ ޒާހިރު ގުޅުއްވައި މިނިސްޓަރު ރައީސް އޮފީހަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ދެންނެވިކަމަށް އަޑުއެހީ، އެކަމަކު މަގާމުން ވަކިކުރެއްވި ކަމަށް އަދި ނާންގަވާ، މީޑިއާގައި އެ ޚަބަރު އެއޮތީ ރަނގަޅަކަށް ނޫން" އެ އޮފިޝަލް ވިދާޅުވިއެވެ.
ޒަހާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، އެމްއާރުއެމްގެ އޮފިޝަލަކުވެސް "ތިލަދުން"އަށް އެކަން ޔަގީންކޮށް ދެއްވިއެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ޒަހާ އަދި ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރަށްވާފައި ނުވާކަމަށެވެ.
ޒަހާ މަގާމުން ކުރެއްވިކަމަށް ރޭ ޚަބަރު ފެތުރިފައި ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ޒަހާގެ އިތުރުން އެހެން ބައެއް ވަޒީރުން ނަށް ވެސް ބަދަލު ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!