ކޯވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓަރ ގަތުމުގައި ހިނގި ޚިޔާނާތާއި ގުޅިގެން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިޔާމާއި މުހައްމަދާއި ނިޝާމާ މުހައްމަދު މަގާމުން ވަކިކޮށްފި އެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ލަފާ ދީފައި ވަނިކޮށެވެ.

Ad
rt

މި ދެ ބޭފުޅުން ސަސްޕެންޑު ކުރީ މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ. މިއަދާ ހަމައަށް ވެސް ނިޝާމާ އާއި ޝިޔާމާ ތިއްބެވީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަންގަ އެވެ.

މި މައްސަލައާއި ގުޅިގެން ހުސްވި އަހަރުގެ އޯގަސްޓް މަހުގެ20 ވަނަ ދުވަހު ނިޝާމާގެ ފަރާތުން ބަޔާނެއް ވެސް ނެރުއްވިއެވެ. އެ ބަޔާނުގައި މުޅިދުނިޔެއަށް ޕަބްލިކް ހެލްތު ޕެންޑަމިކް އެމަރޖެންސީގެ ޙާލަތު ކުރިމަތިވެފައި ވުމާއި، ދުނިޔޭގެ ޤައުމުތަކުގައި ކޯވިޑް ބަލިޖެހޭމީހުން ފަރުވާކުރާ އެންމެ މުހިންމު ވަޞީލަތަކީ ވެންޓިލޭޓަރ ކަމަށްވެފައި އަދި ވެންޓިލޭޓަރ ހޯދުމުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައިވެސް ވެންޓިލޭޓަރގެ ޑިމާންޑް ބޮޑުވެ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.25 ގެ (ރ) ގެ 2 އަދި 4 ނަންބަރުގައިވާ ގޮތުގެ މަތީން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން 75 ވެންޓިލޭޓރ އެގްޒިކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި ޙަވާލުކުރުމަށް ބިޑްކޮމިޓީއިން ނިންމާފައިވަނީ، މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބަޖެޓުގައި ފައިސާހުރިތޯ ބެލުމަށްފަހު މަސައްކަތް ހަވާލުކޮށްގެން ކުރިޔަށްދިއުމަށް ކަމަށް ނިޝާވަނީ ވިދާޅުވެފަ އެވެ. އަދި މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓަރ ގަތުމުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ އެއްމެ އިސްފަރާތެއްގެ ހައިސިއްޔަތުން އޭނާ ޢަމަލުކޮށްފައިވަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ހެޔޮނިޔަތުގައި ކަމަށާއި، މިނިސްޓްރީގެ ބިޑް ކޮމެޓީގެ ނިންމުންތައް ނިންމާފައިވަނީ ބިޑް ކޮމެޓީއަށް ލިބިފައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ނިޝާވިދާޅުވެފައި ވެއެވެ.

މި ދެބޭފުޅުންގެ ތެރެއިން ނިޝާމާ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ޝިޔާމާ ހުންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.