ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ޑުބާއީގެ ކުންފުޏަކާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވެފައިވާ އެއްބަސްވުން މި ބާތިލުކުރީ އެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދައްކައި، އެ ވެންޓިލޭޓަރުތައް ނުލިބިވާ މައްސަލާގައި، އެ ފައިސާ އަނބުރާ ހޯދަން އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ.

Ad
rt

މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފަވަނީ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުން ބާތިލު ކުރަން މިދިޔަ އާދީއްތަ ދުވަހު ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓު ދައްކާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދޭންވާނެ ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް އެ އެއްބަސްވުމުގައިވާ ގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން މިދިޔަ އާދީއްތަ ދުވަހު އެއްބަސްވުން ބާތިލު ކުރަން ނޯޓިސް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފަ ވެއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ވެންޓިލޭޓަރު ގަންނަން ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. މިގޮތުން ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ.

އެ ކުންފުންޏަކީ ވެންޓިލޭޓަރު ގަނެދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކުރުމުން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނިވެސް މެއެވެ. އެ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް ފައިސާ ދޫކޮށްފައިވަނީ އެއްބަސްވުމެއް ނެތި އެވެ.