އާއްމު ތަންތަނުގައި އުޅޭއިރު މޫނު ބުރުގާ އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން އުޅުން މަނާކުރުމަށް ޑްރާފްޓްކޮށްފައިވާ ބިލަށް ސްރީ ލަންކާގެ ކެބިނެޓުން އިއްޔެރުހުން ދީފިއެވެ.

ކެބިނެޓުގެ ތަރުޖަމާން، މިނިސްޓަރ އޮފް މާސް މީޑިއާ އެންޑް އިންފޮމޭޝަން ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ އާއްމު ތަންތަނުގައި އުޅޭ އިރު މޫނު ބުރުގާ މަނާކުރަންކެބިނެޓުގެ ރުހުން ދިނީ މޫނު ނިވާ ކުރުމުން އެއީ ކާކުކަން ދެނެގަންނަން ދަތިވާނެތީ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށްވެސްއޭނާ ވިދާޅުވިއެވެ.

Ad
rt

އޭނާ ވިދާޅުވީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ވެސް މިފަދަ ފިޔަވަޅުތައް އަޅާ ކަމަށާއި މޫނު ބުރުގާ އެޅުން މަނާކުރި ނަމަވެސް ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް ފޭސްމާސްކް ހުއްދަވާނެ ކަމަށެވެ.

ލަންކާގެ އާއްމު ތަންތަނުގައި މޫނު ފޮރުވުމަކީ މަނާ ކަމަކަށް ހެދުމަށް މިދިޔަ މަހު ކެބިނެޓަށް ޕްރޮޕޯޒަލްއެއް ހުށަހެޅުއްވި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރަތުވީރަސެކަރަ ވިދާޅުވި ގޮތުގައި ކެބިނެޓުން އެ ޕްރޮޕޯޒަލްއަށް ރުހުން ދިނީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. އެ ނިންމުން ދެން ގާނޫނަކަށް ހެދުމަށް އެޓާނީޖެނެރަލްއަށާއި ޕާލިމެންޓަށް ފޮނުވާނެ އެވެ.

ލަންކާ ކެބިނެޓުގެ އެ ނިންމުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އަދި އެފަދަ ގާނޫނެއް ތަންފީޒުކޮށްފި ނަމަ މާސްކާއި ހެލްމެޓު އެޅުންވެސް މަނާވާނެތޯ ސުވާލު އުފައްދާފައެވެ.

ވީރަސެކަރަ ވަނީ މޫނު ބުރުގާ އަކީ "ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައި ވުމުގެ" ރަމްޒެއް ކަމަށް ސިފަ ކުރައްވައިފައެވެ. އަދި މޫނު ބުރުގާ މަނާ ކުރަމަކީ ގައުމީ ސަލާމަތާގުޅުން ހުރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.