ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ފަސް މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް އަތުލައިގެންފި އެވެ.
އެ މަސްބޯޓުތައް ރާއްޖެ ސަރަޙައްދަުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ރާއްޖޭގެ އީއީޒެޑް ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށެވެ.
މިގޮތުން އެ ބޯޓުތައް އަތުލީ، މ. އަތޮޅާއި ވ. އަތޮޅާ ދިމާ އިރުން އީއީޒެޑްގެ 30 ނޯޓިކަލް މޭލު އެތެރެއިން ނެވެ.
މި ބޯޓްތައް އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނުއިރު ބޯޓްތައް މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވަމުން ގޮސްފައިވަނީ، ބޯޓްތައް މެދުގައި ވަކި ދުރުމިނެއް ބަހައްޓައިގެންނެވެ. މިހެންކަމުން މި ފަސް ބޯޓް، ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އިއްޔެގެ އިރާކޮޅުއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދެއްވާ ގޮތުގައި، އެ އިދާރާގެ ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމަށްޓަކައި ދަނީ ދަތުރު ކުރަމުންނެވެ. އަދި މާލެ އާދެވޭނެ ކަމަށް ލަފާކުރެވެނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
މިއިން ކޮންމެ ބޯޓެއްގައި 6 މީހުން ތިބިކަމަށް ވެއެވެ.
މި ބޯޓްތަކުގެ މައްސަލަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!