ނަމާދަށް ހުންނަ އިރު ޝައިޠާނާ އުނދަގޫ ކުރާނަމަ ކަންތައްކުރަންވީ ގޮތް

7416178E-1835-461D-AE0E-897114FD61EB

ނަމާދަކީ އެއްވެސް މުސްލިމަކު ދެބަސްނުވާނޭ ފަދައިން އެންމެ މަތިވެރި އެއް އަޅުކަމެވެ. އެއީ އިސްލާމް ދީނުގެ ދެވަނަ ރުކުނެވެ.

ނަމާދުގެ ފަރުޟިއްޔަތަށް އިންކާރު ކުރާމީހާ ދީނުން ބޭރުވެއެވެ. ނަމާދަކީ ﷲއާއި އަޅާއާ ދެމެދު ވެވޭ ބައްދަލު ވުމެކެވެ. މިބައްދަލުވުމުގައި ތިމާގެ ހިތް-ނިޔަތް ޚާލިޞްކޮށް، ވީހާވެސް ބޮޑަށް ޚުޝޫޢަތްތެރިވެ ހުރެ ނަމާދު ކުރުމަށް މަސައްކަތްކުރަންވާނެއެވެ. މިކަމަށް ފަރުވާ ކުޑަކޮށްފި ނަމަ ކުރާ ނަމާދުތައް ﷲ ތަޢާލާ ގެ ޙަޟްރަތުގައި ޤަބޫލުނުވެވޭ ނަމާދުތަކަކަށް ވެދާނެއެވެ.

ނަމާދު ނިމިގެންދާއިރު މިކުރެވުނީ ކޮން ނަމާދެއްކަމެއް، ކުރެވުނީ ކިތައް ރަކުޢަތް ކަމެއް ނޭގި ދޭ ހެއްޔެވެ؟ ނަމާދަށް ހުންނައިރު އެކިއެކި ޝައިޠާނީ ވަސްވާސްތައް ހިތައް އައިސް މަޖާ ކަންކަމާއި މުހިންމު ކަންތަކާއި ހަނދާން ނުވެގެން އުޅުނު ބައެއް ކަންކަން ވެސް ހަނދާނަށް އާދޭހެއްޔެވެ؟

އެހެން ކަމަށްވާނަމަ ތިޔައީ ނަމާދުކުރާ މީހުންނަށް އުނދަގޫކުރާ "ޚިންޒިބު" ޝައިޠާނާ ގެ ސަބަބުން ވާ ކަމަކަށް ވުން ވަރަށް ގާތެވެ.

މި ޝައިޠާނާގެ އުނދަގޫ ކުރިމަތިވަނީ އެވެރެޖް މުސްލިމުންނަކަށް އެކަންޏެއް ނޫނެވެ. ނުވަތަ ފާފަވެރި މުސްލިމުންނަށް އެކަންޏެއް ނޫނެވެ. މާތް ނަބިއްޔާއާއެކު އެބޭކަލުންގެ ވަޤުތުތައް ހޭދަކުރެއްވި މާތް ޞަޙާބީންނަށްވެސް މި ޝައިޠާނާގެ ނުބައިކަން ތަޙައްމަލު ކުރަން ޖެހިފައި އެބަހުއްޓެވެ.

އެގޮތުން ޞަޙީޙު މުސްލިމުގައި ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. عُثْمَانَ بْنَ أَبِي الْعَاصِ، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّ الشَّيْطَانَ قَدْ حَالَ بَيْنِي وَبَيْنَ صَلاَتِي وَقِرَاءَتِي يَلْبِسُهَا عَلَىَّ

މާނަ: ޢުޘްމާނު ބުނު އަބިލް ޢާޞް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ”ހަމަކަށަވަރުން ޝައިޠާނާ ތިމަންނައާއި ތިމަންނަގެ ނަމާދާއި (ނަމާދުގައި ކިޔަވާ) ކިޔެވުމާއި ދެމެދަށްވަދެ ތިމަންނަގެ ނަމާދު އޮޅުވަން މަސައްކަތަކުރަނީއެވެ.“

އެހެން ވިދާޅުވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ”ذَاكَ شَيْطَانٌ يُقَالُ لَهُ خِنْزِبٌ فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللَّهِ مِنْهُ وَاتْفِلْ عَلَى يَسَارِكَ ثَلاَثًا“

މާނަ: ”އެއީ ޚިންޒިބު އޭ ކިޔޭ ޝައިޠާނެކެވެ. ފަހެ ތިބާއަށް އެ ޝައިޠާނާގެ އިޙްސާސްކުރެވިއްޖެނަމަ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި އަޢޫޛު ކިޔާށެވެ. އަދި ތިމާގެ ވާއަތްފަރާތަށް ތިންފަހަރު "ތަފްލު" ކޮށްލާށެވެ.“ (ތަފްލު އަކީ އެހާބޮޑަށް ކުޅު ނުބުރާހެން މަޑުމަޑުން ޖަހާލާ ކުޅަކަށް ޢަރަބި ބަހުގައި ކިޔާ ނަމެކެވެ. ތަފްލު ކޮށްލާއިރު ތުންފަތް ކައިރީގައި އޮތް އެއްޗެއް އަނގައިން ފޮނުވާލާއިރު ކިޔާ ފަދަ އަޑެއް ކިޔާނެއެވެ. މިފަދައިން ކަންތައްކުރަންވާނީ، ނަމާދު ކުރާތަނާއި، ކައިރީގައިތިބޭ މީހުންނަށް އުނދަގުލެއް ނުވާގޮތަށެވެ. ތަފްލު ކުރާނެގޮތް ބަލާލެއްވުމަށް މިލިންކު ހުޅުވާލައްވާ!)

ދެން އެއަށްފަހު ޙަދީޘްގެ ބާކީ ބައިގައި ވެއެވެ. قَالَ فَفَعَلْتُ ذَلِكَ فَأَذْهَبَهُ اللَّهُ عَنِّي ‏.‏

މާނަ: ޢުޘްމާނު ބުނު އަބިލް ޢާޞް ވިދާޅުވިއެވެ. ”ތިމަން އެގޮތަށް ކަންތައް ކުރީމެވެ. ދެން މާތްﷲ ތިމަންނަގެ ކިބައިން އެކަން ދުރުކުރެއްވިއެވެ.“  (صحيح مسلم 2203)

އެހެންކަމުން، މިމަތިވެރި ނަބަވީ އިރުޝާދުގެ އަލީގައި، ނަމާދުގައި އުނދަގޫކުރާ ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް މިފަދައިން ކަންތައް ކުރައްވާށެވެ.

ހަމައެއާއެކު ހަނދާނުގައި ބަހައްޓަންވީ އަނެއް ކަމަކީ، ނަމާދުގައި ޚުޝާޢަތްތެރިކަން ގެއްލެނީ ހަމައެކަނި މިޝައިޠާނާގެ ސަބަބުންނެއް ނޫނެވެ. ތިމާ ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދޭ ނަމަވެސް ނަމާދުގައި ޚުޝޫޢަތްތެރިވާން ދަތިވެދާނެއެވެ.

އެހެންކަމުން، އިސްލާމްދީނުގައި ނަމާދަށް ދެވިފައިވާ އަހަންމިއްޔަތުގަން ދެނެގަނެ، ނަމާދުގައި ކިޔާތަކެތީގެ މާނަ ދަސްކޮށް، ކަމާވެގެން، އިޚްލާސްތެރިކަމާއެކު، މިކުރެވެނީ ކިހާ ބޮޑު ކަމެއްކަން ދަނެހުރެ ނަމާދު ކުރުމަށް އާދަ ކުރާށެވެ. އިން ޝާއަ ﷲ ނަމާދުގައި ޚުޝޫޢަތްތެރިވާން ފަސޭހަވާނެއެވެ. އެއާއެކުވެސް ޝައިޠާނާގެ އުނދަގޫ ޖެހޭނަމަ މަތީގައި ބުނެވުނު ފަދައިން ކަންތައް ކުރައްވާށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *