އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނހިރު ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުން ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ލަނޑުޖަހައި ނިއުކާސަލްއިން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފއެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑުޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އިތުބާރު ފޯވާޑް މުޙައްމަދު ޞަލާހްއެވެ.
ލީޑު އިތުރަށް ފުޅާ ކުރުމަށް ސަލާހްއާއި މާނޭގެ އިތުރުން ޑިއެގޯ ޔޮޓާއަށް ވެސް ވަނީ ހުސް ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ނިއުކާސަލްގެ ގޯލްކީޕަރ މާޓިން ޑުބްރަކާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ނިއުކާސަލްގެ ޝޯން ލޯންގްސްޓާފަށް ވެސް ވަނީ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ނަމަވެސް އެ ހަމަލާ ލިވަޕޫލްގެ ކީޕަރ އެލިސަން ވަނީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް މެޗުގެ ދެވަނަ ހާފުގައި ނިއުކާސަލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ލަނޑުޖަހަން ފުރުޞަތުތަކެއް ހޯދި ނަމަވެސް ނިއުކާސަލްއަށް އެ ފުރުޞަތު ތަކުގެ ބޭނުން ކުރެވިފައި ނުވެއެވެ. މި މެޗުގެ ނަތީޖާ ނިއުކާސަލުން ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ދެވަނ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޯ ވިލޮކެވެ.
ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ފޯރި ގަދަވެފައިވާއިރު، މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ލިވަޕޫލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 33 މެޗުން 54 ޕޮއިންޓެވެ. ނިއުކާސަލް މިވަގުރު ތާވަލުގެ 15 ވަނާގައި އޮތީ ކުޅުނު 33 މެޗުން ލިބުނު 36 ޕޮއިންޓާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!