ގިނަ އަދަދެއްގެ ގެސްޓުހައުސް ހިންގާ ކ. ދިއްފުށި ފަޅުތެރެއިން މަރުވެފައި އޮތް މީހެއްްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ދިއްފުށީ ފަޅުތެރޭ މީހަކު މަރުވެފައިވަ ކަމުގެ ރިޕޯޓު އެއިދާރާއަށް ލިބުނީ މިއަދު މެންދުރު 1:15 ހާއިރު ކަމަށެވެ.

Ad
rt

މަރުވެފައި އޮއްވާ ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްފުލުހުންވިދާޅުވެއެވެ. އަދި އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ދިއްފުށީގައި ހިންގާ އައިސްޕްލާންޓާއި ދިމާލުން ނެވެ.

އޭނާގެ ހަށިގަނޑު ދިއްފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވާފަ ވެއެވެ.

ގިނަ އަދަދެއްގެ ގެސްޓުހައުސް ހިންގާ ކ. ދިއްފުށި ފަޅުތެރެއިން މަރުވެފައި އޮތް އިންޑިއާމީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އިންޑިއާ މީހުން ރާއްޖެއަށް ކަރަންޓީނުވާން އަންނަ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކަށާއި، އެނޫން ވެސް ބައެއް މަންޒިލްތަކަށް ދިއުމުގެ ކުރިން އިންޑިއާ މީހުން ރާއްޖެއަށް ކަރަންޓީނުވާން އަންނަކަމަށް އަޑުފެތުރިފަވާއިރު، ބައެއް ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި މިހާރު އެންމެ ގިނައީ ވެސް "ކަރަންޓީނު ޕެކޭޖް"ގެ ދަށުން އައިސްފައި ތިބި އިންޑިއާގެ މީހުން ކަމަށް ބުނެވެއެވެ. ޓޫރިސްޓުންގެ ގޮތުގައި އެ މީހުން ރާއްޖޭގައި ތިބޭއިރު، 14 ދުވަސް ހަމަކޮށް، އެނބުރި މެދުއިރުމައްޗަށް ދާއިރު ހަދަން ޖެހޭ ޕީސީއާރު ޓެސްޓު ވެސް ހިލޭ ހެދޭ ގޮތަށް، އެ ޕެކޭޖްގެ ތެރޭގައި ހިމެނޭކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.