ހދ. ނެއްލައިދޫ ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅާ ނިންމާލައިފި އެވެ.

ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން, ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ފުރިހަމަ ކަމާއެކު ނިމިފައިވާކަމަށެވެ.

Ad
rt

ނެއްލައިދޫގެ ތަރައްޤީއަށް އަދުގެ ސަރުކާރުން ކޮށްދެއްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް ރައްޔިތުންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

ހއ.ދިއްދޫ އާއި ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގަ އެވެ.

އެދުވަހު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ބައްދަލުވުމެއްގައި 13 ރަށުގެ ފުޓްބޯޅަދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ.

ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ހާސިލް ކުރެވޭނެ ކަމަށް މިނިސްޓަރު އަހްމަދު މަހްލޫފްވަނީ ވިދާޅުވެފައެވެ.