ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ އުސޫލުގެ ތެރެއިން، ރަށަށް ދަތުރުކުރުމުގައި ދީފައިވާ ލުއިތަކުގެ ތެރެއިން ދަތުރުކުރާ ނަމަ އެކަމަށް ހައްދަންޖެހޭ ޕީސީއާރް ޓެސްޓް ފްލޫ ކްލިނިކްތަކުން ހިލޭ ހަދައިދޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

މިމަހުގެ 16 ވަނަ އެޗްޕީއޭއިން ވަނީ 20 އޭޕްރިލް 2021 އިން ފެށިގެން އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރު ކުރެވޭނެ ކަމަށް ކަނޑައަޅައި އުސޫލެއް އާންމުކޮށްފަ އެވެ.

Ad
rt

އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާ ފަރާތްތައް ކުރަންޓީނު ނުލައި ދަތުރު ކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފަ ވެއެވެ. މިފަދަ ފަރާތްތައް ކަރަންޓީނު ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި ޢަމަލު ކުރާނެ ގޮތް ވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) 5 އިންސައްތަ އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން އެ އުސޫލުގައި ލާޒިމްކޮށްފައިވާއިރު، ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުމަށް ވެސް ވަނީ ލާޒިމްކޮށްފަ އެވެ.

އާންމުގޮތެއްގައި ޕްރައިވެޓް ކުލިނިކްތަކާއި ލެބްތަކުން ޕީސީއާރު ޓެސްޓް ހެދުމުގެ އަގު 700 ރުފިޔާއާ ހަމައިގަ ހުރިއިރު، ރަށްރަށަށް ދަތުރުކުރުމުގައި ބޮޑު އަގުގައި ޕީ.ސީ.އާރު ޓެސްޓް ހަދަން ޖެހުމުން ގިނަބަޔަކަށް އެކަން ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ.

އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުން ވިދާޅުވީ ފްލޫ ކްލިނިކްތަކަކީ މިހާރު ވެސް ރިލީޒް ސާމްޕަލަށް ޕީސީއާރް ޓެސްޓް ހަދައިދޭ ތަންތަން ކަމަށާއި އެކަމަކު މިހާރު ދަތުރުކުރުމުގެ ކުރިން ހަދަންޖެހޭ ޓެސްޓު ވެސް ހަދައިދޭނެ ކަމަށެވެ.

ކޯވިޑްގެ ސަބަބުން އާމްދަނީ ހުއްޓި، ވަޒީފާތަށް ގެއްލި އަދި ވެސް އާންމު ހާލަތަށް ރުޖޫއަ ނުވެވޭ އެތައް ބަޔެއްތިބިއިރު، ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.