ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ގ. ޕާރނިސް ލޯޖެހި އަޙްމަދުމަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
މި ޚަބަރު އެއްސެވީ، ވަރަށްފުން ހިތާމައާ އެކުގައި ކަމަށާއި، މި ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، ޢާއިލާގެ އެންމެހައި މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވިކަމަށް ރައީސް އޮފީހުން ވިދާޅުވެފަ ވެއެވެ.
އަލްމަރްޙޫމް ލޯޖެހި އަޙްމަދު މަނިކު، މިމަހުގެ 8 ވަނަ ދުވަހު އިންޑިއާއަށް ގެންދިއުމުގެ ކުރިން އައިޖީއެމްއެޗްގައި ވެސް ގިނަ ދުވަސްތަކަކު ފަރުވާ ދީފައިވެ އެވެ. އަދި އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު ރޭ އިރާކޮޅު އިންޑިޔާގެ ބެންގަލޫރުގަ އެވެ. އަދި އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.
ލޯޖެހި އަހްމަދު މަނިކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު 1961 ވަނަ އަހަރު [ބީޗްވިލާ“ ހިންގަވަން ފެށްޓެވި ދުވަސްވަރު، [ބީޗްވިލާ“ އިން އުފައްދައި މަޝްހޫރުވެގެންދިޔަ ފިނިބުއިމެއް ކަމަށްވާ [ޑޮންޑޮން“ ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ވެސް ލޯޖެހި އަޙްމަދުމަނިކެވެ.
ވިޔަފާރީގެ ގޮތުގައި މިމަސައްކަތް އަމިއްލަފުޅަށް ކުރައްވަން ފެށްޓެވުމުގެ ޢަޒުމް އަޙްމަދު މަނިކުގެ ހިތްޕުޅުގައި އަބަދުވެސް އޮވެ އެވެ. އެކަން ޙަޤީޤަތަކަށް ވެގެންދިޔައީ 1982 ވަނަ އަހަރު އެވެ. މިކަމުގައި އެންމެބޮޑަށް ފާހަގަކުރެވޭކަމަކީ، އަމިއްލަ ފޯމިއުލަރއެއް ބޭނުންކުރައްވައިގެން، މި ބުއިންތައް އުފައްދަވަން ފެށްޓެވި ފެށްޓެވުމެވެ. [ތްރީ ޗޮއިސް“ގެ ނަމުގައި ރާއްޖެއަށް މަޝްހޫރުވި ފިނިބުއިންތައް ތައްޔާރު ކުރެއްވުމުގެ މަސައްކަތް އޭރު ފެށްޓެވީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ.
އަލްމަރްޙޫމް ލޯޖެހި އަޙްމަދުމަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން، ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފަ އެވެ.
ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަޙްމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތި ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ވިޔަފާރި ފުޅާކޮށް ހޯއްދެވި ކާމިޔާބީގެ އަގުވަޒަން ކުރައްވާ ލޯޖެހި އަޙްމަދު މަނިކަށް ޝަރަފްވެރިކަމުގެ އިނާމު 2009 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ.
ލޯޖެހި އަހްމަދު މަނިކު އިއްޔެ އަވަހާރަވިއިރު އޭނާގެ 14 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!