ބ. ކެންދޫ މަޤާމުފުޅު މަރާމާތުކޮށް، ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

އެ މަރުކަޒުން މިއަދު ބުނީ ކެންދޫ މަޤާމުފުޅު މަރާމާތުކޮށް، އެ ބިނާ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމް ދާއިރާ އިންވެސްޓްމަންޓް އާއިއެވެ.

Ad
rt

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ3 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަހަރުގެ 18 މެއި ވަނަ ދުވަހުގެ ނިޔަލަށް ނިންމާގޮތަށެވެ. މި މަސައްކަތުގެ އަގަކީ 355،847.00 ދިވެހި ރުފިޔާއެވެ.

މިގޮތުން ފުރަތަމަ ފިޔަވަހީގައި މަޤާމުފުޅުގެ ފާރަށް ލިބިފައިވާ ގެއްލުން މަރާމާތުކޮށް، ބިނާ އިތުރަށް ވަރުގަދަ (ރީއެންފޯސް) ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެއެވެ.

ތަބްރޭޒުގެފާނަށް ނިސްބަތްވާ މި މަޤާމުފުޅަކީ ތަބްރޭޒްގެފާނު ރާއްޖެ ވަޑައިގެން ބ. ކެންދޫގައި ހުންނެވި ހުންނެވުމުގައި ނަމާދުކުރެއްވި ތަނުގައި ބިނާކުރެވުނު މަޤާމުފުޅެކެވެ.

މި މަޤާމުފުޅަކީ ތާރީޚީ މުހިއްމު ހާދިސާއެއް ގުޅިފައިވާ ތަނެއްގެ އިތުރުން، ދިވެހިރާއްޖޭގައި ނުފެންނަ ޚާއްސަ ބިނާކުރުމުގެ ވައްޓަފާޅިއެއް (އާކިޓެކްޗަރަލް ސްޓައިލެއް) ފެންނަ ބިނާއެކެވެ.