އިޓާލިއަން ސީރިއާ އޭގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާއި އެޓަލާންޓާ ބައްދަލު ކުރި މެޗުން ޔުވެންޓަސް ބަލިވެ އެ ޓީމް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ސޮއްސާލައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. މިގޮތުން ޔުވެންޓަސްގެ ފޯވާޑް މޮރާޓާއަށް ވަނީ ލަނޑު ޖަހާނެ ދެ ފުރުޞަތެއް ލިބި ބޭކާރު ވެފައެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ޔުވެންޓަސްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައި ނުވެއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެޓަލާންޓާއަށް ކާމިޔާބު ކޮށްދީފައިވަނީ ޔުވެންޓަސްގެ އޭރިޔާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން އެ ޓީމްގެ މިޑްފީލްޑަރ ރުސްލަން މަލިނޯސްކީއެވެ.
އާދީއްތަ ދުވަހުގެ ރޭ ލީގުގެ އެއްވަނާގައި އޮތް އިންޓަ މިލާނާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި މެޗު ކާމިޔާބު ކޮށް ހަތަރު ވަނާގައި އޮތް ޔުވެންޓަސްއާއި ޕޮއިންޓްގެ ގޮތުން ހަމަ ކުރުމުގެ ފުރުޞަތު ނަޕޯލީއަށް އޮތެވެ. ނަމަވެސް އިންޓައަތުން އެއްވަރު ވުމުން މިވަގުތު ނަޕޯލީ އޮތީ ކުޅުނު 31 މެޗުން ލިބުނު 60 ޕޮއިންޓާއިއެކު ތާވަލުގެ ފަސް ވަނާގައެވެ. ހަތަރު ވަނާގައި 31 މެޗުން 62 ޕޮއިންޓް ހޯދައިގެން ޔުވެންޓަސް އޮތްއިރު، ތިން ވަނާގައި އޮތީ 31 މެޗުން 64 ޕޮއިންޓް ހޯދައިގެން އެޓަލާންޓާއެވެ. ދެ ވަނާގައި 31 މެޗުން 66 ޕޮއިންޓް ހޯދައިގެން މިލާން އޮތްއިރު، އެއްވަނާގައި އޮތީ 31 މެޗުން 75 ޕޮއިންޓް ހޯދައިގެން އިންޓައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!