ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން މިރޭ ނެރެފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު މެއި 29 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައި ވާކަމަށެވެ.
އެ ޕާޓީން ބުނީ މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ އެޕާޓީގެ އާންމު މެންބަރުން ކަމަށެވެ. އަދި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ މިއަދު، 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ ޕާޓީން ބުނެފަ ވެއެވެ.
އެހެންކަމުން މިއަދުން ފެށިގެން މެއި 29ގެ ނިޔަލަށް އެ ޕާޓީއިން ވަނީ މެމްބަރޝިޕް ފޯމުތައް ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލާ އެ ޕާޓީގެ މެންބަރުން މިހާރު ދަނީ ފޯރިއާއިއެކު ކެމްޕޭން ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!