އިސްލާމް ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ސެއިޚްގެ އެ ޕޯސްޓްގައި ވަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް، އިސްލާމް ދީނާއި ދެކޮޅަށް ބަސް ނުބުނުމަށް އެދި ވަޑައިގެންފަ އެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ ކަމަށް ވިދާޅުވެ ސެއިޚް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް އިސްލާމް ދީން ދެކެ ލޯބިވާ ބައެއްކަމަށެވެ.
"ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް، ދީނާއި ދެކޮޅަށް ބަސް ނުބުނާށެވެ. ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެއެވެ. ދިވެހިންނަކީ އަބަދުވެސް އިސްލާމް ދީން ދެކެ ލޯބިވާ ބައެކެވެ." -އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން-
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ފުޓްބޯޅަ ލެޖެންޑު އަލީ އަޝްފާގާއި އަކްރަމް އަބްދުލްޣަނީ އާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި މީހަކު ދެއްކި ވާހަކަތަކަކާއި ގުޅިގެން ގިނަ ބަޔަކު ރުޅިގަދަވެ، މީސް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށް ސެއިޚް ވަނީ ފިރިހެނުން ތުނބުޅި ބެހެއްޓުމާއި އަދި އަންހެނުން ބުރުގާ އެޅުމަކީ ދީނީ ކަމެއްކަމަށް ކަމަށާއި، ދީނުގެ ހުކުމްތަކަށް ފާޑުކިޔައި، ފުރައްސާރަ ކުރާނަމަ ދިވެހިން ލޭ ކެކޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މީގެއިތުރުން ސެއިޚް ވަނީ، ދެ މީހެއްގެ ވާހަކަތަކަށް ބީރުކަންފަތް ދޭންވާނެކަމަށް ވިދާޅުވެފަ އެވެ. އެއީ އަބަދުވެސް ދީނާ ދެކޮޅަށް ބަސްބުނާ މީހާގެ ވާހަކަ ތަކަށާއި، ދީނުގެ ޙުކުމްތައް އޮޅުވާލަން މަސައްކަތްކުރާ މީހާގެ ވާހަކަ ތަކަށް ކަމަށް ވެސް ސެއިޚް ވިދާޅުވެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!