މިދިޔަ އަހަރު ރައްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 14 މިސްކިތެއް އުވާލާފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ އުވާލި 14 މިސްކިތުގެ ތެރެއިން 13 މިސްކިތަކީ އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ މިސްކިތްކަމަށެވެ.

Ad
rt

އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ 13 މިސްކިތްތައް އުވާލާފައިވަނީ މިސްކިތުގެ މުދިމު ރިޓަޔަރވުމާ ގުޅިގެންނެވެ. މީގެއިތުރުން ފ. މަގޫދޫ ފިރިހެނުން ނަމާދުކުރާ ހުކުރު މިސްކިތް އުވާލާފައިވަނީ އެ ރަށުގައި އަލަށް ހުޅުވި މަސްޖިދުލް އިސްރާގައި ނަމާދު ކުރަން ފެށުމާ ގުޅިން ރަށުގެ އާބާދީގެ ނިސްބަތުން ރައްޔިތުންނަށް އެ މިސްކިތުގައި ނަމާދުކުރަން ޖާގައިގެ ދަތިކަމެއް ނެތުމާއެކު ކައުންސިލުން އެދުމާއި ގުޅިގެންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އުވާލާފައިވާ މިސްކިތްތަކަކީ ނ. މިލަދޫ ހުޅަގު އަވަށު މިސްކިތް، ނ.ކެނދިކުޅުދޫ މަސްޖިދުއްތުޤާ، ރ. އަލިފުށި މަސްޖިދުއްތަޤްވާ، ރ. މީދޫ މަސްޖިދުއްޞަލާޙް، ބ. ކުޑަރިކިލު މަސްޖިދުލްއީސާރު، ތ. ގުރައިދޫ މަސްޖިދުލްޢުލާ، ފ.މަގޫދޫ ހުކުރު މިސްކިތް، ހއ. ފިއްލަދޫ މަސްޖިދުލްހިމާ، ހއ. ދިއްދޫ މަސްޖިދުއްޒިކްރާ، ހއ.ތަކަންދޫ މަސްޖިދުއްސަލާމް، ހދ.ކުޅުދުއްފުށީ މަސްޖިދުއްނަޞްރު، ހދ.މަކުނުދޫ މަސްޖިދުއްސަލާމް، ޑށ. ކަނޑިތީމު މަސްޖިދުއްނަޖާޙް އަދި ނ. ޅޮހި މަސްޖިދުއްޔޫސުފު އެވެ.

އިސްލާމިކް މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާގޮތުން މިދިޔަ އަހަރު ރާއްޖޭގެ 6 އަތޮޅެއްގައި 8 މިސްކިތެއްގެ ޢަމަލީ މަސައްކަތް ނިމި، ވަނީ ބޭނުންކުރަން ފަށާފައެވެ. އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ޚަރަދުގައި 5 އަތޮޅެއްގައި 5 މިސްކިތް ބިނާކޮށްދީފައިވާއިރު، އިތުރު 2 އަތޮޅެއްގައި މިސްކިތެއް ހެޔޮއެދޭ އަމިއްލަ ފަރާތްތަކެއްގެ ހިލޭ އެހީގެ ދަށުން ބިނާ ކޮށްދީފައިވެއެވެ.

މިގޮތުން، ވީހާ ވެސް ގިނަ ބަޔަކަށް އެއްޖަމާޢަތެއްގައި ނަމާދު ކުރެވޭނެ މަގުފަހިކުރުމުގެ މަޤްޞަދުގައި، މިސްކިތްތަކުގެ ޖާގަ ބޮޑުކޮށް އަދި ފެންވަރު ރަނގަޅުކޮށް، ނިންމުމަށް ޚާއްޞަ އިސްކަމެއް ދެވުނުކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެހެން ނަމަވެސް ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފަށާފައިވަނީ 4 އަތޮޅެއްގެ 5 މިސްކިތެވެ.