ކޯވިޑް-19 ގެ ހާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ވައުދުވި "ފްރޮންޓްލައިން އެލެވެންސް" ބައެއް ވޮލެންޓިއަރުންނާއި މުއައްޒަފުންނަށް ނުލިބި އެތައް މަހެއް ފާއިތުވެގެން ހިނގައްޖެ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ލަސްކުރުމެއް ނެތި ކޮންމެ މުވައްޒަފަކަށް ވެސް އެމުވައްޒަފަކު ކުރި މަސައްކަތެއްގެ އުޖޫރަ ލިބުން އެއީ ޙައްޤެއް ކަމަށެވެ. ނަމަވެސް އެޙައްޤު ބައެއް ފަރާތްތަކަށް ނުލިބޭކަމަށް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

Ad
rt

"ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވޮލެންޓިއަރުންނާއި އެހެނިހެން މުވައްޒަފުން ދަނީ ދުވާލަކު ހަގަޑިއިރާއި ދިހަގަޑިއިރާއި ދެމެދުގެ ވަގުތެއްގައި މަސައްކަތް ކުރަމުންނެވެ. ވޮލެންޓިއަރުން ވެސް މަސައްކަތް ކުރަމުން ދަނީ މުވައްޒަފުންނާއި އެއްގޮތައް ޑިއުޓީއަށް ރިޕޯޓް ކޮށްގެންނެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އެލަވަންސް ދޭން ހަމަޖެހިފައި އޮންނަ ތާރީޚްގައި އެލަވަންސްތައް ދިނުމަށް ވެސް އެ ބަޔާނުގައި އެދިފަ ވެއެވެ.

ކޯވިޑް-19ގެ ހާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް 3 ގިންތިއަކަށް ބަހައިލާގެން އެލަވަންސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން އެންމެ ބޮޑަށް ބަލި މީހުންނާއި ބައްދަލު ކުރަން ޖެހޭ އިސްސަފުގެ މީހުންނަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ނިންމާފައިވާއިރު، ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250ރުފިޔާ އަދި ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މި އެލަވަންސް ލިބުން ލަސްވަމުންދާތީ، ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުން މީގެ ކުރިން އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.