ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ، ކުރީގެ ވަޒީރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހީމް ކަލޭފާނު (ނާއިލާ މިސް) އަވަހާރަ ވެއްޖެ އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ72 އަހަރެވެ.
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭފާނު (ޑީއައިކޭ) ގެ ދޮށީ ދަރިކަނބަލުން ނާއިލާ އަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގެ އިނގިރޭސި އަދި ހިސްޓަރީ ޓީޗަރެއްގެ ގޮތުން ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އެވެ. އޭގެ ފަހުން ޣިޔާސުއްދީން ސްކޫލްގައި ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ.
ނާއިލާއަކީ 'ޒިނާރު' ގެ ނަމުގައި ރެސިޕީ ފޮތްތަކެއް ލިޔުއްވެވި، ރާއްޖޭގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރެއްވި އަދި އަދި އަމީނިއްޔާގެ ޚިދުމަތްތެރި މުދައްރިސެކެވެ. ހިސްޓްރީ އާއި އިނގިރޭސި އަމީނިއްޔާގައި ކިޔަވައިދެއްވި ނާއިލާވަނީ ސްރީލަންކާ އާއި ނިޔުޒިލެންޑުން ތައުލީމް ހާސިލްކުރއްވާފައެވެ. 25 އަހަރު ދުވަހު ކިޔަވައިދެއްވި މަޝްހޫރު މުދައްރިސެއްގެ ގޮތުގައި ނާއިލާ ފާހަގަކުރެވެއެވެ.
ނާއިލާ އަވަހާރަވިއިރު ފިރިކަލުންނާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އޭނާގެ ބޭފުޅުންގެ ތެރެއިން ލުބުނާ ޒާހިރު ހުސައިން ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރު ކަމާއި ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފަ އެވެ. ލީނާ ޒާހިރު ހުސައިން ވަނީ މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ. ވާއިލް ޒާހިރު ހުސައިނަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިލާގެ މައްޗަށް ކުރެވޭ ކަށުނަމާދާއި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!