ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ރޯމާ އަދި އާސެނަލް އާއި ވިޔަރެއާލް ބައްދަލު ކުރަން ޖެހިއެޖެއެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރު ކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ސްޕެއިންގެ ގްރަނާޑާ ބަލިކުރުމަށް ފަހުގައެވެ. މި ދެ ޓީމް ގްރެނާޑާގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުންނެވެ. ދެވަނަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެފައިވާއިރު މި މެޗު ވެސް ޔުނައިޓެޑް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ވުމާއެކު ޔުނައިޓެޑް ސެމީގެ ޖާގަ ލިބިގެން ގޮސްފައިވަނީ 4-0 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

މި މެޗުގެ ވަރަށް ކުރީ ކޮޅު ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިސަން ކަވާނީއެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ގްރަނާޑާގެ ޑިފެންޑަރ ޖީސަސް ވަޔޭހޯ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ޔުނައިޓެޑް ބައްދަލު ކުރަންޖެހޭނީ ކުއާޓާ ފައިނަލުގައި ނެދަލެންޑްގެ އަޔެކްސް 3-2 ގެ އެގްރިގޭޓް ނަތީޖާއިން ބަލިކޮށް ސެމީގެ ޖާގަ ހޯދި އިޓަލީގެ ރޯމާއާއެވެ. ރޯމާއާއި އަޔެކްސް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ރޯމާ ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު ކުޅެފައިވަނީ ރޯމާގެ ދަނޑުގައެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުގައި އަޔެކްސްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރިއަން ބްރެއްބޭއެވެ. ނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި ލަނޑެއްޖަހައި ރޯމާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޒެކޯއެވެ.

އާސެނަލް ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ކުއާޓާގައި ސްލާވިއާ ޕްރާގްގެ މައްޗަށް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ކުއާޓާގެ ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު އާސެނަލްވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.

މި މެޗުގައި 18 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ، މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ނިކޮލަސް ޕެޕޭއެވެ. ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ލަކަޒޭޓްއެވެ. މި ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު އޭގެ ތިން މިނެޓް ފަހުން ސަކާ ވަނީ ލަނޫ ޖަހައި މެޗުގެ ނަތީޖާ 3-0 އަށް ބަދަލު ކޮށްލާފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ މި ނަތީޖާގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ލަކަޒޭޓްއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އާސެނަލް ބައްދަލު ކުރަން ޖެހޭނީ ސްޕެއިންގެ ވިޔަރެއާލްއާއެވެ. ވިޔަރެއާލް މުބާރާތުގެ ސެމީން ޖާގަ ހޯދާފައި ވަނީ ކުއާޓާގައި ކޮރޭޝިއާގެ ޑައިނަމޯ ޒަގްރެބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމް ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު ޒަގްރެބްގެ ދަނޑުގައި ކުޅެފައިވާ އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައުވަނީ ވިޔަރެއާލުންނެވެ. ދެވަނަ ލެގުގެ މެޗު ބުރާސްފަތި ދުވަހުގެ ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗު ވިޔަރެއާލުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ވުމާއެކު ވިޔަރެއާލްއަށް ސެމީގެ ޖާގަ ލިބިގެން ގޮސްފައިވަނީ 3-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވިޔެރެއާލުންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޕަކޯ އަލްކަސާރއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިޔަރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 2-0 އަށް ބަދަލު ކޮށްލާފައެވެ. މި ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މޮރޭނޯއެވެ. ޒަގްރެބުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިސްލާވް އޯސިޗެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރޯމާ އަދި އާސެނަލްއާއި ވިޔަރެއާލް ބައްދަލުކުރާ މި މުބާރާތުގެ ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 29 އޭޕްރިލް 2021 ގައެވެ.