ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދޭ ހިދުމަތުގެ ނާޖާއިޒު ފައިދާ ނުނެގުމަށް އެ ކުންފުނިން އެދެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ގޭބިސީތަކުގެ ތިރިއަށް ކުނި ބޭރު ކުރުމަށް އެންގުމުން ގިނަ ބަޔަކު ނާޖާއިޒް ފައިދާ ނަގާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ނުކުރާ ގެތަކުން ވެސް ކުނި ތިރީގައި ބަހައްޓާ ކަމަށާއި ވެމްކޯއިން ނުއުފުލާ ފަދަ ބަރު އަދި ބޮޑެތި ކުނި ފުންޏަށް ޖަހާފައި މަގުމަތީގައި ބަހައްޓާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

ވެމްކޯއިން ބުނީ މިއީ ގަބޫލު ކުރެވޭ ކަން ކަން ނޫން ކަމަށާއި ކުނި ބޭރަށް ނެރޭނަމަ ރަޖިސްޓްރީވެ ފީ ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިއީ ރޯދަ މަހަށްވާއިރު އެކަން ހަނދާން ކޮށްދޭކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން ވެމްކޯއިން ކުނި ނަގަމުން އައީ އެ ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަންޏެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް ކުނި ތިރިއަށް ބޭލުމަށް ވެމްކޯއިން އެންގިއެވެ. މީގެ ފައިދާ އެންމެ ބޮޑަށް ހިފަނީ ވިޔަފާރިތަކުން ކަމަށް މީގެ ކުރިންވެސް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.

ރޯދަ މަހު ކުނި ބޭރަށް ނެރޭ ގަޑިއަކީ ރޭގަނޑު 10:00ން 12:00އަށެވެ. އެ ނޫން ގަޑިތަކުގައި ކުނި ނުނެރުމަށްވެސް ވެމްކޯއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން ބަރު އަދި ބޮޑެތި ކުނި ވަކިން އުފުލުމުގެ ހިދުމަތް ވެމްކޯއިން ދޭއިރު އެ ހިދުމަތް ވެސް އުސޫލުގެ ތެރެއިން ހޯދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.