އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތުގައި ހޯދަން ފުލުހުން ޢިއުލާންކޮށްފައި ވަނީ، ތ. ތިމަރަފުށި، އަސަރީގެ، 59 އަހަރުގެ ހަސަން ނިޒާރު އެވެ.

Ad
rt

ފުހުން ވިދާޅުވެފައި ވަނީ، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ ހޯދަން ޢިއުލާންކުރީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވުމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުން، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދުނުކުރެވުނު ނަމަ، ކުށުގެ ތުހުމަތުކުރެވޭ މީހާގެ ފޮޓޯއާއެކު އޭނާ ހޯދުމަށް އާންމުކޮށް އިއުލާނު ކުރާނެ ކަމުގައާއި އޭނާގެ އާއިލާގެ މެންބަރަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް އެންގުމަށްފަހު، އެ މީހަކު ހާޒިރުވުމަށް އަންގައި އާންމުކޮށް އިއުލާނުކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިފައިވެއެވެ.

މިއީ، މިމީހާ ހޯދަން ފުލުހުން ޢިއުލާންކުރި 2 ވަނަ ފަހަރެވެ.