މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދު ﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ، މި މަހުގެ 15 ވާ ބުރާސްފަތި އަދި 16 ވާ ހުކުރު ދުވަހުއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގައި އިންޑިޔާ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއު ތަކާއި ގުޅިގެން މަޝްވަރާ ކުރެއްވުން ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ދަތުރުފުޅުގައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް ޖައިޝަންކަރް ބައްދަލު ކުރައްވައި ބައިލޭޓްރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްތަކުން އެހީތެރިކަން ފޯރުކޮދެމުންނެވެ. އެގޮތުން ކޯވިޑް19ގެ ޙަލަތާ ގުޅިގެން ބޭހާ ވެކްސިން ފޯރުކޮށްދިނުމާ، އަދި ރާއްޖޭގައި ގިނަ މަޝްރޫޢޫތަކެއް ކުރިއަށްގެންދިއުމުގައި އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުންތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައިވަނީ ސޮއިކޮށްފައެވެ.
ނިމުނު ފެބްރުއަރީމަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ 7 ދާއިރާއަކުން އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެތެރޭގައި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމާ، މާލޭ ސަރަޙައްދުގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ލޯނު އެހީގެ އެއްބަސްވުން ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންވެސް ހަދިޔާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!