ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހއ. އިހަވަންދޫއިން އެމްޑީޕީ އަށް އަގުލަބިއްޔަތު ގެއްލިފައިވަނީ މަސްވެރި ދާއިރާއަށް މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެނައި ބަދަލުގެ ސަބަބުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހއ. އިހަވަންދޫގެ އިތުރުން ގއ. އަދި ގދ. އަތޮޅު ފަދަ މަސްވެރި ރަށްރަށުގެ ކައުންސިލްތަކުގެ އަގުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނީ ސަރުކާރުގެ މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެނައި ބަދަލުގެ ސަބަބުންކަމަށް ވެދާނެ ކަމަށެވެ.

"ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކަށް އަޅުގަނޑުމެން ގެނައިން ބަދަލުތަކެއް މީގެ ކުރިން. އެއީ އަގަށް ގެނައި ބަދަލުތަކެއް. އޭރު ގަންނަމުން ދިޔަ އަގަށް ވުރެ ކުޑަ އަގެއްގައި ސަރުކާރުން ގަންނަން ފެށީ. އެއީ ދެކޮޅު ނުޖެހި މިފްކޯ އަށް ގެންލުން ވަމުންދާތީ،"

Ad
rt

ރައީސް ވިދާޅުވި އެވެ.

މިބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބެއް ކަމުގައި ރައީސް ވިދާޅުވީ އިންޓަނޭޝަނަލް މާކެޓަށް ރިއާޔަތް ކޮށްފައި ކަމަށާއި އެ ބަދަލު މަސްވެރިން ގަބޫލު ނުކުރާ ކަމަށް ދެކިލައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މާލޭސިޓީ އާއި އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ، ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިޙްސާސްތައް ދެނެގަނެ އެކަންތައްތައް ހާސިލްކޮށްދިނުމުގައި މި ސަރުކާރު އިރާދަކުރެއްވިއްޔާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި، އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށާއި، ރަށު ކައުންސިލްތަކުގެ ރައީސުންނަށާއި، ހުރިހާ ކައުންސިލަރުންނަށާއި، ޑަބްލިއުޑީސީގެ ހުރިހާ މެމްބަރުން ހިމެނޭހެން އިޙްލާސްތެރިކަމާއެކު މަރުޚަބާ ދަންނަވާފައެވެ.

އަދި، ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެނެވުނު ބޮޑެތި ބަދަލުތަކަކާއެކީގައި، ވަރަށް ބޮޑު މަސްޢޫލިއްޔަތުތަކަކާއި ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާކަން ހަނދުމަފުޅުކޮށް އަރުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލަރުން އެ ޙަވާލުވެވަޑައިގަތް ބޮޑު މަސްޢޫލިއްޔަތާއެކީގައި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގައި ސަރުކާރަށް އެއްބާރުލުންދީ އެ މަސައްކަތް ފުރިހަމަ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

" ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވަރެއް، އޭގެ ދަށުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން މިސަރުކާރުން ދޭނެ. އެ ކޮންމެ ޕާޓީ އަކަށް ނިސްބަިތްވާ މެންބަރަކުކަމުގައި ވީ ނަމަވެސް، އެ ޕާޓީއަކަށް ފުރިހަމަ އަގުލަބިއްޔަތު އޮތް ނަމަވެސް އެޔެއް އަޅުގަނޑުމެން ނުބަލާނަން، އަޅުގަނޑުމެން ބަލާނީރައްޔިތުންނަށް ޓަކައި އެކަން ކުރެވެން އޮތްގޮތެއް"

ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއެކީގައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައިވެއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ. އަދި، އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ނޫސްވެރިން އެކި ދާއިރާތަކުން ކުރިމަތިކުރުވި ސުވާލުތަކަށް ތަފްޞީލީގޮތެއްގައި ޖަވާބުދެއްވާފައެވެ.