ސަސްޕެންޑް ކޮށްފައިވާ ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދުއާއި މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ސަސްޕެންޓްކޮށްފައިވާ އެކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އާދަމް އަނެއްކާވެސް އިންތިހާބުވެއްޖެއެވެ.
މިއީ އުތީމު ކައުންސިލްއަށް ރަޝީދު އާއި މުޙައްމަދު އާދަމް އިންތިހާބުވި 3 ވަނަ ފަހަރެވެ. ފުރަތަމަ ދައުރުގައި ރަޝީދު ހުންނެވީ އެކައުންސިލްގެ ނައިބް ރައީސްގެ މަގާމުގަ އެވެ. މިހާރު ކުރިއަށްދާ ދައުރުގައި ރަޝީދު ހުންނެވީ ރައީސްގެ މަގާމުގައެވެ.
ރަށުކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކޮށް ރަޝީދުވަނީ 297 ވޯޓު ހޯދާފަ އެވެ. މިއިންތިހާބުގައި ރައީސްކަމަށް ރަޝީދުއާއިއެކު 3 ފަރާތަކުންވަނީ ވާދަކޮށްފަ އެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓްއަށް 227 ވޯޓް ލިބިފައިވާއިރު ވެރިކަންކުރާ އެމްޑީޕީއިން ވާދަކުރި ކެންޑިޑޭޓްއަށް ލިބިފައިވަނީ 20 ވޯޓް އެވެ. މިއިންތިހާބު ރަޝީދު ކާމިޔާބުކޮށްފައިވަނީ 70 ވޯޓުގެ ތަފާތުންނެވެ.
އުތީމް ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ ޕީޕީއެމް އިންނެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރ އަދި އެލްޖީއޭގެ ބޯޑު މެންބަރުކަންކުރެއްވި ހުސައިން ނަސީރު ވަނީ ކާމިޔާކުބޮށްފަ އެވެ. އަންހެނުންނަށް ހާއްސަކުރެވިފައިވާ ގޮނޑިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިތަކެއްވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ފާޓީ ޕީޕީއެމް އިންނެވެ.
ތިލަދުންއާއި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ މިއީ ތާރީހީ އިންތިހާބެއްކަމަށެވެ.
އުތީމު ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރަށް ފަށްފަށުން ޝުކުރު ދަންނަވަން، ރައްޔިތުން ދެއްވި އިތުބާރު ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވަން
ރަޝީދު ވިދާޅުވި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރަޝީދު ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ރަޝީދުގެ ސަސްޕެންޝަން މައްސަލަ ދިގުލައިގެންގޮސް "ވާނުވާގައި" އޮތުމުން، އެ މައްސަލަ މަޖިލީހަށްވެސް ވަނީ ހުށަހަޅާފަ އެވެ. އެމައްސަލަ ހުށަހެޅުއްވީ އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
ރަޝީދު ފުރަތަމަ ސަސްޕެންޑްކުރީ މުއްދަތެއް ނެތްގޮތަށެވެ. ނަމަވެސް މިމަހުގެ 4 ވަނަދުވަހުން ފެށިގެން ވަނީ އިތުރު 1 މަަހަށް އިތުރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!