ފާއިތުވި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން އަތުލައިގެންފައިވާ ބަނގުރާ ފުޅިތައް ފުލުހުން ނައްތާލައިފިއެވެ.

ހަނިމާދޫ އެއާރޕޯޓަށް ފުރަން އަންނަ ފަތުރުވެރިންގެ އަތުން އަތުލައިގަނެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ފުޅިތައް ނައްތާލާފައި ވަނީ މިއަދު ހަނިމާދޫ ޕޮލިސް ސްޓޭޝަން ގޯތިތެރޭގަ އެވެ.

Ad
rt

ފުލުހުން މިއަދު ހަނިމާދޫ ޕޮލިސްޓޭޝަންގެ ގޯތިތެރޭގައި 294 ފުޅި ބަނގުރާ ނައްތާލާފައިވާއިރު، މި ތަކެތި ނައްތާލުން އެ ސްޓޭޝަނުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުންނެވެ.

ރާއްޖޭގައި ބަނގުރަލާއި ގުޅުންހުރި މައްސަލަތައް ގިނަވަމުން އަންނައިރު އިއްޔެވެސް ފުލުހުން ވަނީ މާލޭ ސިޓީން 17 ފުޅި ބަނޑުރާ އަތުލައިގެންފައެވެ. މި މައްސަލާގައި ދެ ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ވެސް ވަނީ ބަނގުރާފުޅިތަކަކާއި އެކު 2 ޒުވާނަކު މަގުމަތިން ހައްޔަރުކޮށްފަ އެވެ. އެ މީހުން ހުއްޓުވުމުން އެ މީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ވައްޓާލައި ވަނީ ތަޅާލާފައެވެ.

2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޖުމްލަ 210 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެދަށަށްގެ ގެނެސްފައިވާ ގިނައަދަދެއްގެ ބަނގުރާވަނީ މިދިޔަ މަހު ނައްތާލާފަ އެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 5،510 ފުޅިއާއި 290 ޕެޓްފުޅިއާއި 4،947 ބިޔަރު ދަޅުގެ އިތުރުން 24 ހަމާއި ފަސް ލީޓަރުގެ 9 ފުޅިއާއި 9 ޓައްޕު އަދި 192 އެހެނިހެން ތަކެތިކަމުގައި ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.