ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ފަހު ވަގުތު ޑެމްބެލޭ ކާމިޔާބުކުރި ލަނޑުން ބާސާ މޮޅުވެއްޖެއެވެ. ބާސެލޯނާގެ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތު ލިބި ބޭކާރުވެފައެވެ. މިގޮތުން ވަޔަޑޮލިޑްގެ ކެނަން ކޮޑްރޯ ބޮލުން ފޮނުވާލި ހަމަލާ ބާސާގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރި ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ ވަޔަޑޮލިޑުގެ ގޯލުގެ ދަނޑިއަށެވެ.

Ad
rt

މެޗުގައި 68 އިންސައްތަ ބޯލްޕޮޒިޝަން ބާސާއިން ހިފަހައްޓާފައިވާއިރު، އެ ޓީމުން ވަނީ ވަޔަޑޮލިޑްގެ ގޯލާއި އަމާޒުކޮށް ދިހަ ހަމަލާއެއް ފޮނުވާލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރުމުގައި ވަރަށް ބޮޑަށް އުނދަގޫތަކާއި ކުރިމަތިވެގެން ދިޔަތަން ވަނީ ފެނިގެން ގޮސްފައެވެ. ވަޔަޑޮލިޑަށް މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ އޮސްކާ ޕްލާނޯއަށް ސީދާ ރަތްކާޑެއް ދެއްކުމާއި ގުޅިގެންނެވެ. ޕްލާނޯއަށް މެޗުގެ ރެފްރީ ރަތްކާޑް ދައްކާފައިވަނީ ބާސާގެ ފޯވާޑް ޑެމްބެލޭއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ. މެޗުން ބާސާ މޮޅުވެފައިވަނީ މެޗުގެ 91 ވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް ޑެމްބެލޭ ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއިއެކު ބާސާއިން ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ އުންމީދު އާވެގެން ގޮސްފައެވެ. މިވަގުތު ލަލީގާގެ ތާވަލުގެ އެއްވަނާގައި އޮތް އެތުލެޓިކޯއާއި ބާސާއާއި ދެމެދުއޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެތުލެޓިކޯ އެއްވަނާގައި އޮތީ 29 މެޗުން ލިބުނު 66 ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި 29 މެޗުން 65 ޕޮއިންޓް ހޯދައިގެން ބާސާ އޮތްއިރު، 29 މެޗުން 63 ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. މި މެޗުން ބަލިވި ވަޔަޑޮލިޑް އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 29 މެޗުން 27 ޕޮއިންޓެވެ.

ލީގުގައި ދެން ބާސާ ބައްދަލުކުރަން ޖެހޭނީ ވާދަވެރި ރެއާލް މެޑްރިޑާއެވެ. އެލްކުލެސިކޯ ނަމުން ނަންދެވިފައިވާ މި މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައެވެ.