އިންތިހާބެއް އައިސް ބޯމަތިވީއެވެ. އެއް ޖަގަހާގައި ޖަހާ ލަވައަށް ވުރެ އަނެއް ޖަގަހާގައި ޖަހާލަވައިގެ އަޑު ބާރެވެ. ތަފާތު މީހުންގެ ޕޯސްޓަރުތަކުން ފާރުތަށް ފުރެނީއެވެ. އެކިއެކި ކުލަކުލައިގެ ދިދަފަތިތަކުން މަގުތަށް ހިޔާވަނީއެވެ. ތަފާތު ވަޢުދުތަކުގެ އަޑުތައް ވެސް ހަމަ އެހާމެ ގަދައެވެ.
މި މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ދުވަހަށް ވީއިރު، މިއީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން އެންމެ ފޯރީގައި ކެމްޕެއިން ކުރައްވަމުން އަންނަ ދުވަސްވަރެވެ. ކެނޑިޑޭޓުންގެ އިތުރުން އިލެކްސަން ކޮމިޝަނުން ވެސް އަންނަނީ އިންތިހާބަށް ފުރިހަމައަށް ތައްޔާރު ވަމުންނެވެ.
މި ލިޔުމުގައި އިންތިހާބު ތަކާއި ގުޅިގެން ހިނގާ ރިޝްވަތުގެ އަމަލުތައް ހުއްޓުވުމަށް ބޭނުންވާ ބައެއް މަޢުލޫމާތާއި އަދި ރިޝްވަތުގެ ކުށާއި އަދި ރިޝްވަތުގެ އަމަލުތައް ބަޔާން ކުރެވިފައިވާނެއެވެ. އަދި މީގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން އިންތިހާބަށް ޚަރަދު ކުރުމުގައި ވިސްނަން ޖެހޭނެ ކަންކަން ވެސް ހިމެނިފައިވާނެއެވެ. އަދި ކެނޑިޑޭޓުން ތާއީދު ހޯދުމަށްޓަކައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމުގެ މައްޗަށް ވެސް އަލި އަޅުވާލާފައި ވާނެއެވެ.
މަޤާމަށް ކުރިމަތިލައި ވޯޓް ހޯދުމަށް ނުކުންނަ ކެނޑިޑޭޓުން، ވޯޓްލުމުގެ ޒިންމާ ފުރިހަމަ ކުރުމަށް ތިއްބަވާ ފަރުދުންނަށް ނުވަތަ އެ ފަރުދުން ނިސްބަތްވާ ޖަމްޢިއްޔާ ޖަމާއަތަކަށް ނުވަތަ ސަރުކާރުގެ މުވައްޒަފުންނަށް ރިޝްވަތު ދިނުމަކީ އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނުގެ ދަށުން ކުށެކެވެ.
އިންތިހާބަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ އިތުރުން އިންތިހާބު ތަކުގައި ވޯޓް ދިނުމަށް ތިއްބަވާ އާންމު ރައްޔިތުން ވެސް ރިޝްވަތަށް މަގުފަހުވާ ހަމަތަކާއި އުސޫލުތަށް ބަލައި ދަސްކުރުމަކީ މުހިންމު ކަމެކެވެ. ނޫންނަމަ ނޭނގިތިބެ ރިޝްވަތުގެ ތެރެއަށް ވެއްޓިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
އިންތިހާބާއި ބެހޭ އާންމު ޤާނޫނު ބުނާގޮތުން ކެނޑިޑޭޓަކު ނުވަތަ ކެނޑިޑޭޓުގެ މަންދޫބަކުވިޔަސް ތާއީދު ހޯދުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި، އެއްޗެށް ދީފިނަމަ އެ ހިމެނިގެންދާނީ ރިޝްވަތު ދިނުމުގެ ތެރޭގައެވެ. މި އުސޫލުން ޚިދުމަތެއް ނުވަތަ ކަމެއް ކޮށްދޭން ބުނުމަކީ ވެސް ހަމަ ރިޝްވަތު ދިނުމުގެ ތެރެއަށް ވަދެގެނެދާނޭ ކަންކަމެވެ.
ކެނޑިޑޭޓަކު އެހެން ކެނޑިޑޭޓޭއްގެ އިންތިހާބީ ހައްޤަށް ނުރަނގަޅު އަސަރު ކޮށްފާނޭ ކޮންމެ ކަމަކުން ދުރުވާން ޖެހޭނެއެވެ. މިގޮތުންބަލާއިރު އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްޤަށް ހުރަސް އެޅޭފަދަ ގޮތްގޮތަށް، ވޯޓްދިނުމަށް ތިއްބަވާ ފަރުދުންނަށް ނުވަތަ ޖަމާޢަތަކަށް ދެވޭ ކޮންމެ އެއްޗެއް ވެސް ހިމެނިގެންދާނީ ރިޝްވަތުގެ ތެރޭގައެވެ. ނަން ހާމަ ކުރުމަށް ބޭނުންނުވާ ފަރާތްތަކުންދޭ އެހީ ކެމްޕެއިންގައި ބޭނުން ކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަތަ އެފަދަ ތަނަކުން ދޭ ފައިސާފަދަ ތަކެތި ކެމްޕެއިންގައި ބޭނުން ކުރުން ވެސް ވަދެގެންދާނީ ރިޝްވަތުގެ ތެރެއަށެވެ. ނަމަވެސް ޤާނޫނީ ގޮތުން ދައުލަތުން ސީޔާސީ ޕާޓީތަކަށް ދޭ ފައިސާ ކަނޑައެޅިފައިވާ އުސޫލުން ކެމްޕެއިންގައި ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ.
އިންތިހާބަކާއި ގުޅިގެން ރިޝްވަތު ދިނުމަކީ ކުށަކަށް ވާފަދައިން ރިޝްވަތުގައި ހިފުމަކީ ވެސް ކުށެކެވެ. މީގެއިތުރުން ރިޝްވަތުގެ އަމަލެއް ހިނގާކަން އެނގޭމީހާ އެކަން ސިއްރު ކޮށްފިނަމަ އެ ކުރެވެނީ ވެސް ކުށެކެވެ.
އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކު ކެމްޕެއިންފަދަ ހަރަކާތްތަކުގައި ޚަރަދުކުރުމަށް އަމިއްލަ ފަރުދުންގެ އަތުންނާއި އަދި ޤާނޫނީ ޝަހުޞުތަކުގެ ފަރާތުން ފައިސާގެ އެހީ ހޯދުމަކީ ހުއްދަ ކަމެކެވެ. ބޭނުންނަމަ ދަރަންޏައް ވެސް ހޯދިދާނެއެވެ. ނަމަވެސް ތިރީގައި މި ބަޔާންކުރާ ހަ ފަރާތުން ފިޔަވައެވެ.
- ބިދޭސީންނާއި، ބިދޭސީ ފަރާތްތަކާއި، ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
- ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާޢަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
- ބައިނަލް އަޤުވާމީ ޖަމާޢަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
- ނަން ހާމަކުރުމަށް ބޭނުންނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
- ޤާނޫނީ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ދޭ ފައިސާ ފިޔަވައި، ދައުލަތުގެ އިދާރާއަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި
- ސަރުކާރުގެ ހިއްސާއެއް ހިމެނިގެންވާ އެއްވެސް ކުންފުންޏަކުން ނުވަތަ ތަނަކުން ދޭ ފައިސާ ނުވަތަ ތަކެތި.
އިންތިހާބަކާއި ޤައުމު ކުރިމަތިވެގެން އަންނައިރު، އިންތިހާބާއިބޭހޭ ކިތަންމެ ފުރިހަމަ ޤާނޫނެއް އޮތް ނަމަވެސް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން އެ ޤަވައިދުތަކަށް އެކަށީގެންވާވަރަށް އަހުލުވެރި ނުވާކަން ކެމްޕެއިން ދުވަސްވަރު ފެންނަ މަންޒަރުތައް ހެކިދެއެވެ. ނަމަވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގައި އަމަލުތައް ބަހައްޓަންވީ ގޮތްތައް ވެސް އެ ޤާނޫނުގައި ވަނީ ބަޔާންކުރެވިފައެވެ. މިގޮތުން ކެނޑިޑޭޓަކު ތާއީދު ހޯދުމުގެ ގޮތުން އަންނަނިވި ކަންތައް ކުރެވިދާނެއެވެ.
- ދާއިރާގެ މީހުންނާއި ބައްދަލުކޮށް ވާހަކަ ދެއްކުން.
- ސުލްހަވެރިކަމާއިއެކު އެއްވެ އުޅުން.
- އެކިއެކި ވަޞީލަތްތައް ބޭނުންކޮށްގެން އެ މީހެއްގެ ސިޔާސަތުތަކާއި ވިސްނުން އެހެން މީހުންނަށް ފޯރުކޮށް ދިނުން.
- ދާއިރާގެ މީހުންނަށް ސިޓީ ފޮނުވުމާއި، ފޮޓޯއާއި ސްޓިކާފަދަ ތަކެތި ބެހުމާއި، އެފަދަ ތަކެތި އާންމުކޮށް ފެންނާނޭހެން ބެހެއްޓުން.
- ނިޝާން ޖަހާފައިވާ ތަކެތި ބޭނުން ކުރުން.
- އިޝްތިހާރު ކުރުން.
ދެންއޮތީ މީގެ އަނެއްކޮޅެވެ. ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ނުކުރެވޭނެ ކަންކަމެވެ. އަންނަނިވި ކަންކަން ތާއީދު ހޯދުމުގެ ގޮތުން ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.
- ކެމްޕެއިން ކުރުމުގައި ކެނޑިޑޭޓަކު ކުރިމަތިލައިގެން އުޅޭ ދާއިރާގެ ވޯޓުލުމުގެ ހައްޤު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބުކުރުމުން ޖެހޭ އަދަދަށްވުރެ އިތުރަށް ކެމްޕެއިނަށް ޚަރަދުކުރުން.
- އެއްވެސް އިންތިހާބީ ހައްޤެއްގެ ފައިދާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްޤެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ނުވަތަ އެ ނޫންވެސް ގޮތަކުން ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ދިނުން.
ފުރިހަމަ ކާމިޔާބު އިންތިހާބެއް ބޭއްވުމަށްޓަކައި ކެނޑިޑޭޓުންނާއި އާންމު ރައްޔިތުންގެ ޒިންމާވެސް އެބައޮތެވެ. ވޯޓު ވިއްކުންފަދަ ކުށްތަކުން ދުރުވެ ނަޒާހަތްތެރި ވެގެންނެވެ.
އިންތިހާބާއި ގުޅިގެން އެއްވެސް ރިޝްވަތުގެ އަމަލެއް ހިނގާކަން އެނގިއްޖެނަމަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެ މައްސަލަ ހުށަހެޅުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއްގެ ސުލޫކީ މައްސަލައެއް އޮތްނަމަ އިލެކްޝަން ކޮމިޝަނަށް އެ މައްސަލަ ހުށަހެޅުމަކީ ވެސް ހަމަ އެންމެންގެ ޒިންމާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!