މިހާރު ގެންގުޅޭ މާސްކުތަކަށްވުރެ ފަސެހަ އާ މާސްކުތަކެއް ހެދުމަށް އެމެރިކާގެ ސަރުކާރުން މުބާރާތެއް ފަށައިފިއެވެ.

"މާސްކް އިނޮވޭޝަން ޗެލެންޖު"ގެ ނަމުގައި ފެށި މި މުބާރާތުގައި 500،000 ޑޮލަރުގެ ފައިސާގެ އިނާމް ވަނީ ހުށަހަޅައިފައެވެ. މި ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މި މަހުގެ 21ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

Ad
rt

އެމެރިކާއިން ބުނާގޮތުގައި އާ މާސްކު ޑިޒައިންތަކާއެކު ގިނަ ބައެއްގެ ޝަކުވާތަކަށް ހައްލު ލިބޭނެއެވެ. މިހާރު ބޭނުން ކުރާ މާސްކު ތަކުގެ ސަބަބުން ކަންފަތުގައި ރިއްސުމާއި މޫނުން ބިހި ނެގުމާއި ނޭވާލާން އުނދަގޫވުން ފަދަ ޗަކުވާތައްް ވަރަށް ގިނައެވެ.

މި މުބާރާތުގައި ބައިވެރިވެވޭނޫ އެމެރިކާގެ ރައްޔިތުކަން އޮންނަ މީހުންނަށް އެކަންޏެވެ. މި މުބާރާތުގެ ސަބަބުން ބޭނުން ކުރަން ފަސޭހަ މާސްކުތަކެއް ތައާރަފުވެ މުސްތަގުބަލުގައިވެސް މިފަދަ ބަލިމަޑުކަމެއް ދިމާވެއްޖެނަމަ އެހީވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މި މުބާރާތުގެ ފުރަތަމަ ފޭސްގައި 10 މީހުން ހޮވާނެއެވެ. އަދި ހޮވޭ ކޮންމެ މީހަކަށް 10،000 ޑޮލަރުގެ އިނާމެއް ލިބޭނެއެވެ. ފުރަތަމަ ފޭސްގައި ހުށަހަޅަން ޖެހޭނީ އެމީހެއްގެ ހުރި އައިޑިއާތަކެވެ.

ދެވަނަ ފޭސްގައި މާސްކު ތައްޔާރުކޮށް ހުށަހަޅަން ޖެހޭނެއެވެ. މި ފޭސްގައި ހޮވާނީ ފަސް މީހުންނެވެ. އަދި އެ މީހުންގެ މެދުގައި ބާކީވާ 400،000 ޑޮލަރު ބަހާލާނެއެވެ.