އަވަށްޓެރި ފުލުހުންގެ ޚިދުމަތް އިތުރަށް ތަޢާރަފްކުރެވި, މުޅި ކޮމިއުނިޓީއާއެކުގައި ޚިދުމަތް ދެވެން ފެށުމުން އެއީ މިހުރިހާ މައްސަލަތަކަށް ބޮޑު ފަރުވާއެއް ގެނެސްދޭނެ އުޖާލާ އަލިކަމަކަށް މަގުދައްކައިދޭނެ ގޮތެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށުމަށް މަތިވެރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ އަވަށްޓެރި ފުލުހުންގެ މިޚިދުމަތުގެ ބޭނުމަކީ ފުލުހުންނާއެކުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން އެކުގައި މަސައްކަތްކުރާނެ ނިޒާމެއް އެކުލެވިގެން ދިއުންކަމަށެވެ.
"ކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށުގެ އަސްލު ދެނެގަނެ, އެނައްތާލުމަށްޓަކައި މަސައްކަތްކުރުމަކީ މިނިޒާމްގެ ބޭނުން"
މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެދިމާއަށް މިކުރެވޭ ދަތުރުގައި ކައުންސިލާއި, ސްކޫލާއި, ހެލްތް ސެންޓަރާއި, ރަށުގެ އެހެން މުއައްސަސާތަކާއި ފުލުހުން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިކަމާއި, ސަލާމަތަކީ އެންމެން އެކުގައި ގުޅިގެން ކުރާކަމެއްކަން ކަށަވަރުވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރަކީ ރަށުގެ ފާގަތިކަމާއި, އިޤްތިޞާދަށްވެސް ލިބިގެންދާނެ ކުރިއެރުމެއް
މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ފުރިހަމަ އަމާން ރައްކާތެރި މުޖުތަމައުއެއްކަމަށް ބެލެވެނީ އެމުޖުތަމައުގެ ކޮންމެ މީހަކީ ފުލުހަކަށްވެގެންކަމަށެވެ. އެކަން މާނަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކުށަކަށް އަރައިގަތުމަށް ނުވަތަ ކުށެއް އުފެދުމަށް އެމުޖުތަމައުގައި ޖާގައެއް ނެތްކަމަށެވެ. މިއީ ކާބަފައިންގެ ތާރީޚުކަމަށާއި އަޅުގަނޑުމެންގެ ރަށްތައް އުފެދިފައި އޮތްގޮތްކަމަށެވެ. އަދި އަޅުގަނޑުމެން ދަތުރުކުރަމުން އައި ދަތުރުކަމަށް ވިދާޅުވިއެވެ.
މިއަދު ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކު, ބަވަނަވެފައިވާ ދުނިޔޭގައި ދަތުރުކުރަމުންދާއިރު އެކި ދިމަދިމާއިން އަންނަ ކަޅުވިލާކޮޅުތަކުގެ ހިތި ވާރޭގެ އަސަރު އަޅުގަނޑުމެންނަށްވެސް އެކިގޮތްގޮތަށް ފޯރާ
ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ސާޅީހަކަށް އަހަރު ކުރިން ކުދި ރަށްރަށުގައި ނުދަންނަ މަސްތުވާތަކެތީގެ ބާވަތްތައް ފެތުރި ނުރަނގަޅު އަސަރުކޮށްފައިވާކަމަށެވެ. ކުދި ކުދި ވައްކަމާއި, މާރާމާރީއާއި އެނޫންވެސް, ކުށްތައް ފެށިގެން އައިސް އަޅުގަނޑުމެންގެ މިކުދި މުޖުތަމައުތައު ސަލާމަތާއި ރައްކާތެރިކަމުގައި ބޭއްވުމަށްޓަކައި, ފުލުހުންގެ ފަރާތުން ދެވޭ ޚިދުމަތް އާއުސްމިނަކަށް ދަތުރުކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!