އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ބްރައިޓަންއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއިއެކު ތާވަލުގެ ދެވަނާގައި އެ ޓީމަށް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ޔުނައިޓްޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޔުނައިޓެޑުން 58 އިންސައްތަ ބޯލްޕޮޒިޝަން ހިފަހައްޓާފައިވާއިރު އެ ޓީމުން ވަނީ ބްރައިޓަންގެ ގޯލާއި އަމާޒުކޮށް ހަތް ހަމަލާއެއް ފޮނުވާލާފައެވެ. ބްރައިޓަންއިން ވަނީ ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާލާފައެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ބްރައިޓަންއިންނެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކުރިން ޔުނައިޓެޑަށް ވެސް ކުޅެފައިވާ ޑެނީ ވެލްބެކެވެ. ޔުނައިޓެޑްގެ ގޯލުގެ ކުރިމައްޗަށް ހުރަސްވީ ބޯޅަ ވެލްބެކް ބޮލުން ފޮނުވާލި ނަމަވެސް އެ ހަމަލާ ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ޑީން ހެންޑަސަން ވަނީ ދިފާއު ކޮށްފައެވެ. ނަމަވެސް ރިބައުންސްއަށް އައި ބޯޅަ ވެލްބެކް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއް ލަނޑުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ޔުނައިޓެޑްގެ އިތުބާރު ފޯވާޑް ރަސްފޯޑްއެވެ. މި މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ އުމުރުން 19 އަހަރުގެ އިނގިރޭސި ފޯވާޑް ގްރީންވުޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު ގްރީންވުޑް ކާމިޔާބު ކޮށްފައިވަނީ ޕޮގްބާ ބްރައިޓަންގެ ގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ބްރައިޓަންގެ ގޯލުގެ ކުރިމައްޗަށް ހުރަސްވި ވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވުމާއި ގުޅިގެން އެ ޓީމަށް ވަނީ ދެ ވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ތިންވަނާގައި ލެސްޓާ ސިޓީ އޮތީ ކުޅުނު 30 މެޗުން 56 ޕޮއިންޓް ލިބިގެންނެވެ. ދެ ވަނާގައި ޔުނައިޓެޑް އޮތީ 30 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި އޮތް ސިޓީ 31 މެޗުން 74 ޕޮއިންޓް ހޯދާފައިވާއިރު، ޔުނައިޓެޑާއި ސިޓީއާއި ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.