ޕާޓީ ފިކުރުގައި ހައްދުފަހަނަ އެޅުމަކީ މި ޤައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. ދިވެހިންގެ ދީނީ ފިކުރާއި، ޤައުމީ ފިކުރަށްވުރެ ވެސް މިހާރު ޕާޓީގެ ފިކުރު ބޮޑެވެ. ފެންނަމުން އަންނަނީ ބޮޑުވަމުން އަންނަ މަންޒަރެވެ.
މި ވާހަކަ އަނެއްކާ ވެސް މި ދައްކަން ޖެހެނީ އިންތިހާބެއް ބޯމަތިވެގެން އަންނަ ވަގުތަކަށް ވާތީއެވެ. އަތޮޅާއި ރަށް 5 އަހަރުގެ މުއްދަތަށް އަނެއްކާ ވެސް ހިންގާނެ ބަޔަކު އިސްކުރުމަށް ރައްޔިތުންނަށް ފުރުޞަތު ލިބިގެންދާ ވަގުތަކަށް ވާތީއެވެ. މިކަމާއި ވިސްނަން މަޖުބޫރު ވަގުތަކަށް ވާތީއެވެ. އަޅުގަނޑުމެންގެ ރަށަށް ނުވަތަ އަތޮޅަށް ޚިދުމަތް ކުރުމުގެ ބާރުތަށް ބައެއްގެ އަތްމައްޗަށް ދޫކޮށްލާއިރު އެކަން ކުރެވޭނެ ބަޔަކަށް އެކަން ހަވާލުކުރުމަކީ ކޮންމެހެން ބޭނުން ކަމަކަށް ވާތީއެވެ.
ދެންއޮތީ ކޮންމެ އިންތިހާބެއް ބޯމަތިވެ ކުޑަތަންވެގެން އަންނައިރުވެސް އަޅުގަނޑު މެންގެ ވިސްނުން ގެންގުޅެންޖެހޭ ގޮތާއިމެދު ފުންކޮށް ވިސްނާލުމެވެ. އަޅުގަނޑުމެންގެ މައްޗަށް ކަންކަން ނިންމަވަން ބަޔަކު އިސްކުރާނަމަ، އެކަމަށް އެންމެ ޤާބިލް މީހާއަށް ބަލާށެވެ. އެ ފަރާތެއް ދީނީ ވާޖިބުތަކަށް އިސްކަންދޭ މިންވަރަށް ބަލާށެވެ. ޢިލްމީ ޤާބިލުކަމަށް ބަލާށެވެ. ހިންގުންތެރިކަމަށް ބަލާށެވެ. އަދި އަޚުލާގާއި މުޖުތަމަޢުގައި އެ ފަރާތެއް ބަލައިގަންނަ މިންވަރަށް ބަލާށެވެ.
ތިމާ ލޯބިކުރާ ޕާޓީން ޕާޓޭއެއް ދެއްކިޔަސް ނުވަތަ އެއްވެސް އުޅުމެއް ޢިލްމެއް އަދި އަދަބެއްސަދަބެއް ނެތް މީހަކު ދެއްކިޔަސް އެ މީހަކަށް ވޯޓުނުލާށެވެ. އެކަމަށް ކެމްޕެއިން ވެސް ނުކުރާށެވެ. ޕާޓީ ކުލައިގެ މައްޗަށް ތިމާގެ ވިސްނުން ބައްޓަން ވެއްޖެނަމަ އެ ދެވެނީ ހަގީގަތާއި ދުރަށެވެ. ސަބަބަކީ އެނގިހުރެ ޤައުމަށް ފައިދާ ބޮޑުގޮތް ދޫކޮށްލެވުމެވެ.
ކަން ވަމުންދާ ގޮތާއިމެދު ފިކުރު ކޮށްލަމާ ހިނގާށެވެ. ކޮންމެ އިންތިހާބަކަށް ކޮންމެ ކުލައަކުން ވަކި ބަޔަކު ނެރެ ދައްކައެވެ. އޭގެތެރޭގައި ކަމަށް އެއްވެސް ވަރަކަށް ޤާބިލް ނޫން މީހުން ބައިވަރެވެ. އެކަން ޕާޓީގެ މެމްބަރުން ވެސް ދަނެއެވެ. ނަމަވެސް ޕާޓީއަށް ޖެހިފައި އޮންނަ ކަނު ލޯތްބަކާއި އެހެން ޕާޓީތަކަށް ވުރެ ތިމާ މަރުދޭ ޕާޓީ ތާއީދު ބޮޑުކަން ދައްކަން ޤާބިލް ނޫން މީހާ ހޮވަން ވެސް މަރުދެވެނީއެވެ. އެއީ މާމޮޅު ޝަރަފެއްކަމުގައި ދެކެވެނީއެވެ. މިއީ ކިހާ ހަގީގަތާއި ދުރު ވިސްނުމެއް ހެއްޔެވެ. ޕާޓީއަޅުވެތިކަމުން މިންޖުވެ ޤައުމާއިމެދު ވިސްނަމާ ހިނގާށެވެ.
ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމަކީ ކައުންސިލުގެ މަސްޢޫލިއްޔަތަކަށް ވީހިނދު ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންނަކީ މިކަންކަން ކުރެވޭނެ ޤާބިލް ފަރާތްތައްތޯ ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ.
5 އަހަރު މުއްދަތަށް އަތޮޅާއި ރަށް ހިންގުމަށް އިންތިހާބުކުރާ މެމްބަރުން ހޮވުމުގައި، ކޮންމެ އިންތިހާބަކާއި ގުޅިގެން ވެސް ރައްޔިތުން ކަންކުރަންވީ އުސޫލާއި ކަންކަން ނުކުރަންވީ މަގުތަށް އޮޅުންފިލުވައި ދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ، ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބަހަކީ ކޮބައިތޯ ބަލައިލާއިރު ވެސް ފެންނަނީ ހަމަ ބަޔާންކުރެވި ދިޔަ ހަޤީޤަތެވެ. މިކަމާއި ގުޅިގެން އެ ކޮމިޝަނުން އާންމު ކޮށްފައިވާ މެސެޖްތަކުގައިވަނީ މަޤާމްތަކަށް މީހުން ހޮވުމުގައި އަމިއްލަ މަންފާއަށްވުރެ މުޖުތަމަޢުގެ މަންފާއަށް ވިސްނުމަށެވެ. އަދި ގާތްތިމާގެކަމަށް ބަލައި ވޯޓު ނުދިނުމަށެވެ. ނަޒާހަތްތެރި ޤާބިލް މީހާއަށް ވޯޓު ދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!