ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރުގައި ވިދާޅުވީ، އަދިވެސް ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތް ކަމަށާއި، އަދި އެންމެ ފުރަތަމަ އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށެވެ.
އަދި އެ ނުރައްކާ ކުޑަކުރުމަށް ޙާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށެވެ. އެގޮތަށް ލަފާ ދެއްވާފައިވާތީ މި ގަރާރުގެ ދަށުން ވަނީ އެފަދަ ފިޔަވަޅުތައް އެޅުމަށް ނަސީމް ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން އެ މުއްދަތު އައީ އިތުރު ކުރަމުންނެވެ. އެ މުއްދަތު މިއަދު ހަމަވުމާއި ގުޅިގެން މިއަދުގެ ގަރާރުން ވަނީ މޭ މަހުގެ 4 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދައްމާލާފައިމިވަނީ ކޮވިޑްގެ އަދަދުތައް ދަށްނުވެ ހިފެހެއްޓިފައިވާ ދަނޑިވަޅެއްގައެވެ. މިވަގުތު ވެސް ރާއްޖޭގެ 17 ރަށެއްގެ މޮނިޓަރިންގ ގެ ހާލަތުގައި އޮތްއިރު މާލެ ސަރަހައްދުގައި ހިންގަމުން އައި ކާފިއު ހުއްޓާލައި ގިނަ ފިޔަވަޅުތަކަކަށް ދާދިފަހުން ވަނީ ލުއި ދީފައެވެ. އަދި ރާއްޖޭގައި މިހާރު އަންނަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!