މިދުވަސްވަރު ގިނައިން ދެކެވޭނީ އަޅުކަމުގެ ވާހަކައެވެ. އޭގައި މުހިންމު ސަބަބެއްވެސް ވެއެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އަޅުކަމުގެ ބަހާރު މޫސުމެކެވެ. ރަމަޟާން މަހެވެ. ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާކަށް މާގިނަ ދުވަސްތަކެއް ނެތެވެ.
މި ރަމަޟާން މަހުގައި ސިއްޙަތު ރަނގަޅު، ހެޔޮ ޙާލުގައިވާ ފަރާތްތަކޭ އެއްގޮތަށް ބަލި މީހުންނާއި ބަލިކަށި މީހުންވެސް އަޅުކަން ކުރެވެން އޮތް ގޮތަކަށް އަޅުކަން ކުރަން ބޭނުންވާނެއެވެ. އެގޮތުން ނަމާދަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. މިލިޔުމުގައި އަޅުގަނޑުމެން ނަޒަރު ހިންގާލާނީ ބަލިމީހުން ނަމާދުކުރާނެ ގޮތާ ބެހޭގޮތުންނެވެ.
ފުރަތަމަ ނުކުތާ: ފަރުޟު ނަމާދު ތަކުގައި ވާޖިބު ވެގެންވަނީ ކޮޅަށް ހުރެ ނަމާދު ކުރުމެވެ. އޭނާއަކީ ސިއްޙަތު ރަނގަޅު މީހެއް ނުވަތަ ބަލި މީހެއް ކަމުގައި ވީނަމަވެސްއެވެ. މުޤީމެއް (ރަށުގައި ޙާޟިރުވެ ހުރި މީހެއް) ނުވަތަ ދަތުރުވެރިއެއް ނަމަވެސްއެވެ. ބަލިމީހާއަށްވެސް އިށީނދެގެން އިނދެ ނަމާދު ކުރުން ޝަރުޢު ވަނީ އޭނާއަށް ކޮޅަށް ހުރުމަށް ނުކުޅެދޭނަމައެވެ. އެހެންކަމުން ބަލި މީހާވެސް ނަމާދު ކުރަންވާނީ ކޮޅަށް ހުރެއެވެ. އެއީ ކުޑަކޮށް ގުދުވެގެން ނުވަތަ ތަނބު ފަދަ ތަނެއްގައި ލެނގިލައިގެން ނުވަތަ އަސާފަދަ އެއްޗެއްގައި ހިފައިގެން ހުންނަން ޖެހުނު ނަމަވެސް އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ. وَعَنْ عِمْرَانَ بْنِ حُصَيْنٍ -رَضِيَ اَللَّهُ عَنْهُمَا- قَالَ : { قَالَ لِيَ اَلنَّبِيُّ - صلى الله عليه وسلم -" صَلِّ قَائِمًا , فَإِنْ لَمْ تَسْتَطِعْ فَقَاعِدًا , فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ (صحيح . رواه البخاري (1117))
މާނަ: ޢިމްރާން އިބްނު ޙުޞައިން ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދިޘް ކުރެއްވިއެވެ: " ކޮޅަށް ހުރެ ނަމާދު ކުރާށެވެ. އެކަމަށް ކުޅަދާނަ ނުވާނަމަ، އިށީނދެގެން އިނެދެ (ނަމާދު ކުރާށެވެ.) އެކަމަށް(ވެސް) ކުޅަދާނަ ނުވާނަމަ، ފަރާތަކަށް އޮށޯވެއޮވެ (ނަމާދު ކުރާށެވެ.)"
އެހެންކަމުން ގިނަ ޢިލްމުވެރިން ނަޞޭޙަތްދެއްވަނީ ގުދުކޮށް ނުވަތަ ތަނެއްގަ ލެނގިލައިގެން ނުވަތަ އަސައެއްގައި ހިފައިގެން ނަމަވެސް ކޮޅަށް ހުރެ ނަމާދު ކުރެވޭނަމަ ނަމާދު ކުރުމަށެވެ. އަދި މިޙަދީޘުން އެނގި ހާމަވެފައިވާގޮތުގައި، އަސްލަކީ ކޮޅަށް ހުރެ ނަމާދު ކުރުމެވެ. އަދި މިއަސްލުން ރުޖޫޢަވެ ނަމާދު ކުރާނެ އެހެން ގޮތްތައް ޝަރުޢުވަނީ ކޮޅަށް ހުރުމަށް އޭނާއަށް ކުޅަދާނަ ނުވާހާހިނދުގައެވެ.
ދެވަނަ ނުކުތާ: ކޮޅަށް ހުންނަން ނުކުޅެދޭމީހާ ނަމާދުކުރާނީ އިށީނދެ އިނދެއެވެ. އެއީ މިސާލަކަށް ބަލި ޙާލަތު ހުރިގޮތުން ކޮޅަށް ހުރެ ނަމާދު ކުރަން އުޒުރުވެރިވާނަމަ، ނުވަތަ ކޮޅަށް ހުރެ ނަމާދު ކޮށްފި ނަމަ ބަލީގެ ޙާލަތު އިތުރަށް ގޯސްވުމުގެ ބިރު އޮތްނަމަ އޭނާ ކޮޅަށް ހުންނާކަށް ނުޖެހޭނެއެވެ. އޭނާ ނަމާދު ކުރާނީ އިށީނދެގެން އިނދެއެވެ. މަތީގައި ޛިކުރުކުރެވިފައިވާ ޙަދީޘުން މިކަމަށް ދަލާލަތު ކޮށްދެއެވެ. އަދި ހަމަ އެހެންމެ ފިޤުހީ ޤާއިދާއެއް ގައިވެއެވެ. " لاَ ضَرَرَ وَلاَ ضِرَارَ " މާނަ: "ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ." މި ޤާޢިދާ ނެގިފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަންނަނިވި ޙަދީޘްފުޅުންނެވެ. عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " لاَ ضَرَرَ وَلاَ ضِرَارَ " . (ابْنُ مَاجَهْ 2341)
މާނަ: ޢަބްދުﷲ އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ: "ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
ހަމައެފަދައިން މާތް ﷲގެ އަންނަނިވި ވަޙީބަސްފުޅުވެސް މިކަމަށް ދަލާލަތު ކޮށްދެއެވެ. فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ ﴿التغابن: 16﴾
މާނަ: ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!
އިށީނދެ އިނދެ ނަމާދު ކުރާ މީހާއަށް ބިންމަތީގައި ނުވަތަ ގޮނޑިއެއްގައިވެސް ނަމާދު ކުރެވިދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ބިންމަތީގައި ދެފައި ވައްކޮށްލައްވައިގެން އިންނަވައި ނަމާދު ކުރެއްވިއެވެ. وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: رَأَيْتُ النَّبِيَّ - صلى الله عليه وسلم - يُصَلِّي مُتَرَبِّعًا. (صحيح. رواه النسائي (3/ 224)، وابن خزيمة (1238))
މާނަ: ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެފައި ވަށްކޮށްގެން އިންނަވައި ނަމާދުކުރައްވާތަން ތިމަންކަމަނާ ދެކެވަޑައިގަތީމެވެ."
ގޮނޑީގައި ނަމާދު ކުރާނެގޮތް ތަފްޞީލާއެކު ކިޔާލުމަށް، މިތަނަށް ފިތާލައްވާ
ތިންވަނަ ނުކުތާ: އިށީނދެ އިނދެގެން ނަމާދުކުރުމަށް ނުކުޅެދޭނަމަ ނަމާދުކުރާނީ އޮށޯވެ އޮވެގެންނެވެ. އެއީ ޤިބުލައާވީ ފަރާތަށް، އޭނާގެ ކަނާއަތް ފަރާތަށް އޮށޯވެ އޮވެގެންނެވެ. ޤިބުލައާވީ ފަރާތަށް އޮންނަން ނުކުޅެދިއްޖެނަމަ ނުވަތަ އޭނަ ޤިބުލަވީ ފަރާތަށް އަނބުރައިދޭނޭ މީހެއް ނުވި ނަމަ، އޭނާއެ އޮތް ފަރާތަކަށް ނަމާދުކުރާނީއެވެ. އޭނާގެ ނަމާދު ޞައްޙަވާނެއެވެ. އަލުން އެނަމާދު ކުރާކަށް ނުޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ. عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " ...وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ " (صحيح . رواه البخاري (7288))
މާނަ: ...އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ: "ތިޔަބައިމީހުންނަށް ކަމަކަށް އަމުރު ކުރެވިއްޖެނަމަ، އެމީހަކަށް ކުޅަދާނަވީ މިންވަރަކަށް އެކަމެއް ކުރާށެވެ."
ހަތަރުވަނަ ނުކުތާ: އެއްފަރާތަށް އޮވެގެން ނަމާދުކުރުމަށް ނުކުޅެދޭމީހާ ނަމާދުކުރާނީ އުއްޑުން (އެބަހީ: ބަނޑުފުށް މައްޗަށްވާނެހެން)، އޭނާގެ ފައިތިލަ ޤިބުލައަށްވާގޮތަށް އޮވެގެންނެވެ. އެންމެ ރަނގަޅުގޮތަކީ ޤިބުލައާ ދިމާއަށް ކުޑަކޮށް، ބޯ އުފުލައިގެން އޮތުމެވެ. ފައިތިލަ ޤިބުލައަށް ވާގޮތަށް އޮންނަން ނުކުޅެދިއްޖެނަމަ، ކުރިންވެސް ބަޔާންވެދިޔަ ފަދައިން އޭނާ އެއޮތް ގޮތަކަށް ނަމާދުކުރާނީއެވެ. އަދި އަލުން އެނަމާދު ކުރާކަށް ނުޖެހޭނެއެވެ. މަތީގައި ޛިކުރުކުރެވުނު ޢިމްރާން އިބްނު ޙުޞައިންގެ ޙަދީޘްފުގެ ފަހަތަށް، އިމާމް އައްނަސާއީ ރިވާ ކުރައްވާފައިވާ ރިވާޔަތުގައި އިތުރު ބައެއްވެއެވެ. އެއީ: "فإن لم تستطع فمستلقياً"
މާނަ: " އެކަމަށް(ވެސް) (އެބަހީ: ފަރާތަކަށް އޮށޯވެއޮވެ ނަމާދު ކުރަން) ކުޅަދާނަ ނުވާނަމަ، ފަހެ އުއްޑުން އޮވެ (ނަމާދު ކުރާށެވެ.)
}މަޢުލޫމާތު ގެނެވިފައި ވަނީ مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين 15/ 229-230 ގައި ވާގޮތުގެ މަތިން އިތުރު ތަފްޞީލާއެކުއެވެ.{
(ނުނިމޭ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!